އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ވާދަވެރި އެހެން ކްލަބްތަކުން ބޭނުންވަނީ ސިޓީއަށް އަދަބު ލިބެން ކަމުގައި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕެޕް މިކަން ހާމަކޮށްފައިވަނީ ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވާކަމަށް ބުނެ އެލީގުން ސިޓީއާދެކޮޅަށް އުފުލާފައިވާ 115 ދައުވާގެ އަޑުއެހުން މިއަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފާވާކަން ހާމަކުރުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ސިޓީއާ ދެކޮޅަށް މިދައުވާތަށް ޕްރިމިއާ ލީގުން އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި މިނިވަން ކޮމިޝަނެއް މެދުވެރިކޮށް މައްސަލަ ބެލުމަށްވަނީ ހުށަހެޅިފައެވެ.

މިދައުވާތަށް ނިސްބަތްވަނީ ޕްރިމިއާ ލީގުން ހާމަކުރާގޮތުގައި 2009ވަނަ އަހަރުން 2018ވަނަ އަހަރާ ދެމެދު އެކްލަބުން ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވެފައިވާކަމަށް ބުނެއެވެ. މިހުރިހާ ދައުވާތަކަށް ސިޓީން ފެށުނީއްސުރެ އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި އެޓީމުން އެއްވެސް ގަވާއިދަކާ ހިލާފު ވެފައިނުވާނެކަން ސުވާލެއް ނުއުފެއްދޭވަރަށް ހެކި ހުރިކަމަށް އެކްލަބުން ހާމަކުރެއެވެ.

ސްޕެނިޝް ލަލީގާގެ ރައީސް ހާވިއާ ޓެބާސްއަކީ ސިޓީ އާއި ދެކޮޅަށް ފާޅުގާ ވާހަކަ ދައްކާ އެއްފަރާތެވެ. އޭނާ ބުނީ ސިޓީ އާއި ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އަކީ ސްޓޭޓް ތަކުން ހިންގާ ކްލަބް ތަކެއް ކަމަށެވެ. އެ ދެކްލަބުން ދަނީ މާލީ ގަވައިދުތައް މުގުރަމުންކަމުގައި ވެސް އޭނާ ތުހުމަތުކުރެއެވެ.

ޓެބާސް ބުނީ އޭނާވަނީ ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކާއި ވާހަކަ ދައްކާފައިކަމަށާއި އެހުރިހާ ކްލަބަކުން ވެސް ބޭނުންވަނީ ސިޓީ އާދެކޮޅަށް ފިޔަވަޅު އަޅާ އަދަބު ލިބެން ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ ޕެޕް ބުނީ އޭނާ ފުރަތަމަ ފަހަރަށް ޓޭބާސްގެ ވާހަކައަށް އެއްބަސްވާކަމަށެވެ. ޕެޕް ހާމަކުރިގޮތުގައި ޕްރިމިއާ ލީގުގައި ހިމެނޭ އެހެން ހުރިހާ ކްލަބަކުން ވެސް ސިޓީއަށް އަދަބު ލިބެން ބޭނުންވާކަން މިއީ އެއްވެސް ފަރާތަކަށް އޮޅިފާވާ ކަމެއް ނޫންކަމަށެވެ.

އަދި އެހެން ކަމުން ޕެޕްގެ ވާހަކައަކީ ޓެބާސް އާއި ޕްރިމިއާ ލީގުގެ އެހެން ހުރިހާ ކްލަބްތަކުން ވެސް މިނިވަން ކޮމިޝަންގެ ނިންމުމަށް މަޑުކުރުމަށެވެ.

ކުޅިވަރުގައި މިޤަރުނުގެ އެންމެ ބޮޑު ޝަރީއަތުގެ ގޮތުގައި ބެލިފައިވާ މިއަޑުއެހުންތައް 10 ހަފްތާއަށް ކުރިއަށްދާނެކަމަށްވަނީ ބެލެވިފައެވެ. އަދި މިނިވަން ކޮމިޝަނުން މިކަމުގައި ގޮތެއް ނިންމާ އެކަން ހާމަކުރެވޭވަރު ވާނީ މިއަންނަ އަހަރުގެ ކުރީ ކޮޅުގައިކަމަށް ބެލެވެއެވެ.

ސިޓީ ބެލެވިފައިވަނީ ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕްގެ ދުވަސްވީ ތާރީހީ ބާރުތަކަށް ގޮންޖަހާލި އެޓީމުތަކުގެ ތެރޭގައި ނުހިމެނޭ ފުރަތަމަ ޓީމުގެ ގޮތުގައި ކަމަށް މިކަމާއި ވަކާލާތު ކުރާ ބައެއް ފަރާތްތަކުން ހާމަކުރެއެވެ.