ބޭނުންވަނީ 2026ވަނަ އަހަރު މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާއިން ބާއްވާ ފީފާ ވާލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުން ކަމަށް އެމެރިކާގެ ޤައުމީ ފިރިހެން ޓީމާ ދާދިފަހުން ހަވާލުވި އާޖެންޓީނާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އޭނާ މިފަދައިން ބުނެފައި ވަނީ އެމެރިކާ ޓީމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭނާ ބުނީ އެމެރިކާގެ އަންހެން ޓީމު ހޯދަމުންދާ ކާމިޔާބީން އެޤައުމުގެ ފިރިހެން ޓީމު ހިތްވަރު ލިބިގައްނަން ޖެހޭކަމަށެވެ. އަދި ޕޮޗެޓީނޯ ވަނީ އެމެރިކާގެ އަންހެން ޓީމުގެ ކޯޗު އެމާ ހެޔޭސްއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗުގެ ގޮތުގައި ސިފަކޮށް އޭނާއަށް ތައުރީފްކޮށްފައެވެ.

އެމެރިކާގެ ޤައުމީ ޓީމާ ޕޮޗެޓީނޯ ހަވާލުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޕޮޗެޓީނޯ ބުނި އަމިއްލަ ފަސްގަނޑުގައި ބާއްވާ ވާލްޑް ކަޕް ކާމިޔާބު ކުރެވިދާނެކަމުގެ އަމިއްލަ އިތުބާރު އެކުޅުންތެރިންނަށް އިހްސާސް ކުރެވެން ޖެހޭކަމަށެވެ. އަދި އެމުބާރާތުގައި ކާމިޔާބީ ހޯދަން ބޭނުންނަމަ ވިސްނަންވީ ހަމައެކަނި އެންމެ މެޗަކުން މޮޅުވުމުގެ ބަދަލުގައި ތަށި ކާމިޔާބު ކުރުމަށްކަމަށް އޭނަ ބުންޏެވެ.

އެހެން ނުވިސްނާނަމަ ކުރިއަށް އޮތް ދަތުރު ވަރަށް އުނދަގޫވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެހެން ކަމުން އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ހުރިހާ ކުޅުންތެރިންގެ ވިސްނުން މިގޮތަށް ބަދަލުކުރުންކަމަށާއި އަބަދުވެސް ވިސްނަންވާނީ ބޮޑުކޮށްކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

އެމެރިކާގެ ފިރިހެން ޓީމަށް ވާލްޑް ކަޕްގައި އެންމެ ދުރަށް ދެވިފައިވަނީ 2002 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށެވެ.