ޖަރުމަނު ބުންޑެސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި ހެއިޑެންހެއިމް ބައްދަލުކުރި މެޗު ޑޯޓްމުންޑް އިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑްއިންނެވެ. ނަމަވެސް މިމެޗުގައި ހެއިޑެންހެއިމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވުނެވެ.

މިމެޗުގެ ފެށުން ރަނގަޅުވީ ޑޯޓްމުންޑްގެއެވެ. މިގޮތުން މެޗުގެ 11ވަނަ މިނެޓްގައި ޑޯޓްމުންޑްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑޮންޔެލް މާލެންއެވެ. އަދި މިލަނޑު ޖެހިތާ ހަ މިނެޓް ފަހުން ކަރީމް އަޑެޔޭމީ ވަނީ އިތުރު ލަނޑެއް ޖަހާ ޑޯޓްމުންޑްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗުގައި ހެއިޑެންހެއިމް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ފަރަގު ކުޑަކޮށްދިނީ މެޗުގެ 39ވަނަ މިނެޓުގައި މާވިން ޕިއެރިންގާއެވެ.

ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން އަޑެޔޭމީ ވަނީ މިމެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ޑޯޓްމުންޑަށް އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މިމެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ހެއިޑެންހެއިމްގެ ކުޅުން ރަނގަޅުވިކަން ފާހަގަވެގެންދިޔައެވެ. އަދި އެޓީމުން މިމެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 74ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ މެކްސިމިލިއާން ބްރެއުނިގްއެވެ. މިލަނޑާއެކު މިމެޗުން ނަތީޖާއެއް ހޯދުމަށް ހެއިޑެންހެއިމް އިން ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ.

ނަމަވެސް، އެޓީމުން ކުރަމުންދިޔަ މަސައްކަތާއެކު ވެސް މެޗުގައި ދެން ފެނުނީ ޑޯޓްމުންޑްއިން ލަނޑެއް ޖެހި ތަނެވެ. މިމެޗުގައި ޑޯޓްމުންޑްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެމްރޭ ޗާންއެވެ.

މިކާމިޔާބީއާއެކު ޑޯޓްމުންޑް މިހާރުވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު މިވަގުތަށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ދެވަނައިގައި އުޅެނީ ހަ ޕޮއިންޓާއެކު މިމެޗުން ބަލިވި ހެއިޑެންހެއިމްއެވެ. ނަމަވެސް މިހަފުތާގެ ކުޅުމާއެކު މިދެޓީމަށްވުރެ ކުރިއަށް އެރުމުގެ ފުރުސަތު ބަޔޭން މިޔުނިކަށާއި އާރްބީ ލެއިޕްޒިގްއަށް އެބައޮތެވެ.