28 Jun 2012, 10:30
މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ން މިއަހަރުގެ ކުރީކޮޅު ފަށާފައިވާ ސައިކަލް ލީޒްކުރުމުގެ ސްކީމަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްއައިބީއިން މިއަދު ބުނީ މިފަހަރު ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކޮންމެ މަހަކު ސައިކަލަށް ދައްކަން ޖެހޭ ފައިސާ މުސާރައިން ކެނޑުމުގެ ބަދަލުގައި ޕޯސްޓް ޑޭޓެޑް ޗެކްއިން ފައިސާ ދެއްކޭނެ ގޮތާއި އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެކައުންޓުން ކެނޑޭނެ ގޮތްވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހިދުމަތަށް އެދެވޭނެ އުމުރު ފުރާ 22 އަހަރުން 20 އަހަރަށް ދަށްކޮށްފައިވާ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
އެ ބޭންކުން ބުނީ މިވަގުތު މާކެޓްގައި ހުރި ސައިކަލް ލީޒް ސްކީމްތަކަށް ވުރެ އެ ބޭންކުގެ ސައިކަލް ލީޒް ސްކީމުގެ އަގު ރަނގަޅުވާނެ ކަމަށެވެ. އެމް.އައި.ބީ އިން ލީޒްކުރާ ސައިކަލުތައް ހުންނަނީ ކުލީގެ މުއްދަތުގައި އިސްލާމިކް އިންޝުއަރެންސްއިން، އިންޝުއާކޮށްފަ އެވެ.
ސައިކަލް ކުއްޔަށް ދިނުމުގެ ހިދުމަތަކީ އިސްލާމީ ހަމަތަކުގެ މަތިން ތަކެތި ކުއްޔަށް ދިނުމަށް ދެވޭ "އަލް އިޖާރާ" ޚިދުމަތުގެ ދަށުން، މިއަހަރު ކުރީކޮޅުގައި އިސްލާމިކް ބެންކުން ފެށި ހިދުމަތެކެވެ. އެހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއްލެބެމުން ދާކަމަށްވެސް އެބޭންކުންބުނެ އެވެ.