28 Jun 2012, 10:04
އެކި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނި، ރާއްޖޭގައި ތިބި ސޯމާލިޔާގެ މީހުން އެގައުމަށް ފޮނުވާލުމާއި ގުޅޭގޮތުން ސޯމާލިޔާގެ ފޮރިން މިނިސްޓަރާއި މަޝްވަރާކުރެއްވި ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރިއޯ +20 ސަމިޓު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ދުބާއީގައި އެމަނިކުފާނު މަޑުކޮށްލެއްވިއިރު ސޯމާލިޔާގެ ފޮރިން މިނިސްޓަރާއި ބައްދަލުކޮށް ރާއްޖޭގައި ތިބި ސޯމާލިޔާގެ 40 މީހުން އެގައުމަށް އަނބުރާ ފޮނުވާލުމާއި ގުޅެގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސޯމާލިޔާގެ މީހުން އެގައުމަށް ފޮނުވާލުމުގެ މައްސަލައިގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެއާއި ސޯމާލިޔާ ސަރުކާރައި ދެމެދު އެމްޔޫއޯއެއް ގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ރާއްޖޭގައި ހިފެހެއްޓިފައި ތިބި ސޯމަލީޔާގެ 40 މީހުން އެބަތިބި، އެމީހުން އަބުރާ ސޯމާލިއާއަށް ފޮނުވާލުމުގެ މަޝްވަރާކުރެވުނު. އަޅުގަނޑު އުއްމިދު ކުރަނީ މިކަމާ ބެހޭ ގޮތުން ސޯމާލީ ލޭންޑުގެ ސަރުކާރާއި ދިވެހި ސަރުކާރާއި ދޭތެރޭގައި ކޮންމެވެސް ކަހަލަ އެމްޔޫއޯއެއްގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުދި ކުދި ޑިންގީތަކުގައި އެކި ދުވަސްވަރު ލައްވެފައިވާ ސޯމާލިޔާގެ 40 މީހުން ތިބީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގަ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެމީހުން އަބުރާ ގައުމަށް ފޮނުވާލުމުގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ސޯމާލިޔާގައި މައި ސަރުކާރެއް ނެތި ވަކި ވަކި ސަރުކާރުތަކެއް އޮތުން ކަމަށާއި އެމީހުން ހަވާލުކުރާނީ ކޮން ސަރުކާރަކާއި ކަމާމެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ.