13 Sep 2024, 14:41
ވައްކަމުގެ މައްސަލައެއްގައި ދެ ތަނެއް ބަލައި ފާސްކޮށް, 48 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ, މި ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހ. ފަތަގުމާގެއިން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ ތަނެއް ބަލައި ފާސްކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ލ. މާވަށު، ޖަމީލާމަންޒިލް، އާދަމް ޙުސައިން (48އ) ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު، އެ ދެ މީހުންނާ ގުޅޭ ތަފުސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަގުމަތީން ދިޔަ އަންހެނެއްގެ އަތުން ފޭރުނު މައްސަލައެއްގައި މިދިޔަ ބުދަ ދުވަހު ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އަދި، އަތުކުރި ގަޑިތަކަކާއި ފޯނެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ ހަފުތާގައި ވެސް ހައްޔަރުކޮށްފައެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފައެވެ.