13 Sep 2024, 12:19
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ގާނޫނާއި ގަވައިދުތައް ބުނެ ދިނުމަށްޓަކައި ޚާއްސަ ހަރަކާތެއް ފުލުހުން ފަށައިފިއެވެ.
އެގޮތުން އިއްޔެ ވަނީ ހުޅުމާލޭގެ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލެ އަވައްޓެރި ފުލުހުން ރޭ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ބިދޭސީން ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތު އެކި މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖޭގެ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު އެ މީނުންނަށް ދީފައި ވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދުދީފައި ވާއިރު އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވެސް ވަނީ މައުލޫމާތުދީފައިވެއެވެ.

ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފެށުން--- ފޮޓޯ/ ފުލުހުން
އަދި މި ހަރަކާތުގެ ތެރެއިން އެ ސައިޓުގައި އެ ވަގުތުތިބި ގިނަ އަދަދެއްގެ ބިދޭސީންނަށް މައުލޫމާތުދީފައި ވާއިރު މައުލޫމާތުދީފައިވަނީ އެ ސައިޓުގައި އާންމުކޮށް އެ ބިދޭސީން ވާހަކަދައްކާ ބަސްކަމުގައިވާ ހިންދީ ބަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ހިންގަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.