އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ މިހާރުގެ ނާއިބު ރައީސް ކަމަލަ ހެރިސްއާއެކު އިތުރު ބަހުސަކަށް ނުދާނެ ކަމަށް އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ތިންވަނަ ބަހުސެއް ނޯންނާނެ." ޓްރަމްޕްގެ ޓްރޫތް ސޯޝަލްގައި މީޑިއާގައި ވިދާޅުވިއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ޖޫން މަހު ރައީސް ޖޯ ބައިޑަން އާއިއެކު އަދި މި ހަފުތާގެ ކުރީކޮޅު ހެރިސްއާއެކު ބޭއްވި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

އިތުރު ބަހުސަކަށް ނުދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާގެ އާންމުން އޭނާއާއި ޓްރަމްޕްގެ އިތުރު ބަހުސެއް އަދި ބޭނުންވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ނޯތު ކެރޮލައިނާގައި ސަޕޯޓަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ހެރިސް ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހު ބޭއްވި ބަހުސް 67.1 މިލިއަން މީހުން ޓީވީ މެދުވެރިކޮށް ބަލައިފައިވާ ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.

ޕޯލްތަކުން ދައްކާ ގޮތުން ބަހުސް ކާމިޔާބުކުރީ އޭނާ ކަމަށް ޓްރަމްޕް ޕޯސްޓު ކުރެއްވި ނަމަވެސް ބައެއް ސާވޭތަކުން ދައްކާ ގޮތުގައި ބަހުސްގައި ރަނގަޅު ޕާފޯމެންސެއް ދެއްކީ ހެރިސްއެވެ.

ރޮއިޓާސްއިން އިއްޔެ އާންމުކޮށްފައިވާ ޕޯލުގެ ނަތީޖާއިން ދައްކާ ގޮތުގައި 53 އިންސައްތަ މީހުން ބުނެފައި ވަނީ ބަހުސް ކާމިޔާބު ކުރީ ހެރިސް ކަމަށެވެ. އަދި 24 އިންސައްތަ މީހުން ބުނީ ބަހުސް ކާމިޔާބު ކުރީ ޓްރަމްޕް ކަމަށެވެ. އޭގެއިތުރުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން 54 އިންސައްތަ މީހުން ބުނީ އިތުރު ބަހުސެއް ބޭނުންނުވާ ކަމަށް ކަމަށެވެ. އަދި 46 އިންސައްތަ މީހުން ދެވަހަ ބަހުސެއް ބާއްވަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށްވެސް އެ ޕޯލުން ދައްކައެވެ.

ބަހުސަށްފަހު ސީއެންއެންއިން އާންމުކުރި ފްލެޝް ޕޯލަކުން ދައްކާ ގޮތުގައިވެސް ހެރިސް ވަނީ ޓްރަމްޕަށްވުރެ ރަނގަޅަށް ބަހުސްގައި ޕާފޯމްކުރައްވާފައެވެ.