28 Jun 2012, 09:08
"މީގެ އެތަށް އަހަރު ކުރިން ފެށިގެން ވެސް އެކި މީހުން ދިޔައީ އެކުއްޖާ އަށް ގޯނާ ކުރަމުން. ފުލުހުންނަށް ވެސް ޖެންޑާއަށް ވެސް ހުށަހެޅި. އެމައްސަލަތައް ތަހުގީގު ވެސް ކުރޭ. އެކަމަކު ވެސް ކުއްޖާ ހުންނަނީ އަނިޔާ ލިބޭ މީހުން ގާތު. ހިމާޔަތްދޭނެ މީހަކު ނުވޭ،" ދާދިފަހުން ރަށެއްގައި ހިނގާދިޔަ ޖިންސީ މައްސަލަ އަކާ ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިއީ އެންމެ ކުއްޖެއްގެ ވާހަކަ އެވެ. ފައިސާއަށް ކުޑަކުދިންލައްވާ ހަށިވިއްކުވުމާއި އާއިލާ މީހުންނާއި ގެއަށް ވަންނަ މީހުންގެ ޖިންސީ ޝިކާރައަކަށް ވެގެންދާ އެތަށް ކުދިންނެއްގެ ވާހަކަ ކޮންމެ ދުވަހަކުން ހެން އޮވެއެވެ. ދަނީ ދައްކަމުންނެވެ.
މިއީ މިއަދު ރަށްރަށުގައި އާންމު ކަމެކެވެ. އެހީވާނެ އަޅައިލާނެ ފަރާތެއް ނެތިގެން ގިނަ ކުދިން މަގުމައްޗަށް ގިނަވެގެން ދިއުމުން މުޖުތަމައުން އެކަހެރިވެ "ވިޔާނުދާ" ކުއްޖެއްގެ ގޮތުގައި ބަލައިގެންފައިވާ ކުދިން ބައިވަރު އެބަތިއްބެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އޭގެ ދަށުން ހަދާފައި ހުރި ގަވާއިދުތަކުގައި ވެސް އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރި ތަނަކަށް ގެންދިއުމަށް ބުނެފައިވެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ ރައްކާތެރިކަމާ ހިމާޔަތް، އަނިޔާ ލިބޭ ފަރާތައް ދެވޭބާ އެވެ؟
ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާ އަބްދުލް މަންނާނު ޔޫސުފް ވިދާޅުވި ގޮތުގައި މައްސަލަ އެއް ހުށަހެޅިގެން އަނިޔާލިބޭ ފަރާތަށް ދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ނުދެވޭއިރު އެފަދަ ނިޒާމެއް އަދިވެސް ގާއިމު ކުރެވިފައެއް ނުވެ އެވެ.
"އަޅުގަނޑުމެން ގިނަ ފަހަރަށް ހައްޔަރު މި ކުރަނީ ތުހުމަތު ކުރާ ފަރާތް. އެހިސާބުން އެމީހާ ކުއްޖާ ދިރިއުޅޭ ހިސާބާ ދުރަށް އެބަގެންދެވޭ. އެކަމަކު އެއީ ވެސް ބައެއް ފަހަރު. ވަކި ހާލަތެއްގައި ބަންދުގައި ހުރުމަށްފަހު އެހާލަތެއް ނެތި ދިއުމުން އަނެއްކާ ވެސް ކުރީގެ ހާލަތަށް އެބަދޭ،" މަންނާނު ވިދާޅުވި އެވެ.
ނަމަވެސް ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ ޒުލޭޚާ ޝަބީންގެ ޚިޔާލު މިކަމާ ތަފާތެވެ؛
"ބައެއް ފަހަރަށް މައްސަލަތައް ދިމާވާ ކުދިން މާލެ ގެނެސް އެބަ ބަލަހައްޓަން. އަދި ކުއްޖާ ބަލާނެ އާއިލާއެއް ބަލާފައި އެބަޔަކާ މިހަވާލު ކުރަނީ. ގިނަ ފަހަރަށް ވާ ގޮތަކީ ރަށެއްގައި އެކަހަލަ ކަމެއް ދިމާވީމަ ކުއްޖާ ނަގައިފިއްޔާ އާއިލާއިން އެކަމާ އިދިކޮޅު އެބަހަދާ. ނެގީމަ ކުއްޖާއަށް ވެސް ސެންޓަރަށް ވެސް ހަމަލަ އެބައާދޭ. އެހެންވީމަ އަޅުގަނޑުމެން ބޮޑަށް މިބަލަނީ އާއިލާއަކު ކުއްޖާއަށް އެހީތެރވެދެންޏާ އެތަނެއްގައި ބަހައްޓަން. އެކަމަކު ކުއްޖާ މޮނިޓާކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.
އެފަދަ ކުދިންނަށް ރައްކާތެރިކަން ދޭނެ ތަނެއް ރާއްޖ އަށް ބޭނުންވާ ކަމަށް ޝަބީން ވެސް އެއްބަސްވެ ލައްވަ އެވެ.
މަންނާނު ފާހަގަ ކުރައްވާ ގޮތުގައި ގެއިން ނުލިބޭ ރައްކާތެރިކަން ދިނުމަށް ކުއްޖާ ލާނެ ވަކި ތަނެއް ހެދިފައެއް ނެތެވެ. އަދި އެންމެ ރައްކާތެރި ކަމަށް ގަބޫލު ކުރާ ކަހަލަ ތަނަކަށް ކުއްޖާ ގެންދިޔަ ނަމަވެސް އެއީ ދާއިމީ ހައްލަކަށް ވެގެން ނުދެ އެވެ.
އާއިލާއިން އަޅާލާނެ މީހަކު ނެތިގެން ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މިހާރު ވެސް އެތައް ކުދިންނެއް ބަލަހައްޓަމުންދާއިރު ހިޔާގެ ކެޕޭސިޓީއަށްވުރެ އިތުރަށް އެތަނުގައި ކުދިން އެބަތިއްބެވެ.
ކުޑަކުދިންގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އަތޮޅު ތަކުގައި ސެންޓަރުތަކެއް ގާއިމު ކުރި ނަމަވެސް މުވައްޒަފުންގެ ދަތިކަމާ ބަޖެޓްގެ ތާށިކަން އެއީ އެންމެ ބޮޑު ގޮންޖެހުން ކަން ޖެންޑާއިން ފާހަގަ ކުރެ އެވެ.
އެ މައްސަލަތަކަށް ހައްލެއް އަންނާނެ ދުވަހެއް ނޭނގޭއިރު، ޖިންސީ ގޯނާ ކުރާ ކުދިންގެ ފަރާތުން އިތުރު މައްސަލަތައް ވެސް ދަނީ ފެންމަތި ވަމުން ނެވެ.
"އަށާރަ އަހަރުނުވާ ކުއްޖަކާ ލޯބި ގޮތުން ގުޅިގެން ތަންކޮޅެއް ބޮޑެތި މީހުން އެބައުޅޭ. އެފަދަ ހާލަތެއްގައި ބަދުއަޚްލާގީ އަމަލު ހިންގި ނަމަވެސް އަޅުގަނޑުމެން ނުބަލަން އެއީ ކުއްޖާ ރުހުން ދީގެން ކުރާ ކަމަކަށް. އެއީ ރުހުމުގައި ކުއްޖާ ތަނަކަށް ދިޔަސް ފާޅުގައި އެކަމާ ދެކޮޅު ނުހެދިޔަސް 13 އަހަރުން ދަށުގެ ކުއްޖެއް ނަމަ ނެތޭ ގާނޫނުގައި އެއްކުޖާއަށް ރުހުން ދެވޭނެ ކަމަކަށް. ދެން ގަބޫލު ކުރަނީ އެއީ ބަސްނާހާ ކުދިންނޭ ބުނެ އެކުދިންނާ ދޭތެރޭ ގޯސްކޮށް ކަންތައް މިކުރަނީ. އަދި އެއައްވުރެ ބޮޑެތި ކުދިން ސާފު އިބާރާތުން ރުހުން ދިންކަމަށް ނުބުނާހާ ހިނދަކު ނުބެލޭނެ ރުހުންދިން ކަމަކަށް،" މަންނާނު ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުދިންނާ ދޭތެރޭ ޖިންސީ ގޯނާ ކުރީމަ އެކުދިން އެކަމުގެ ތެރެއަށް ވަދެގެންދާ ކަން މަންނާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން ބައެއް ފަހަރަށް ކުދިން އެކަހަލަ ކަންކަމުގެ ތެރެއަށް ހުށަހެޅިގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަތޮޅުތަކުގައި ހިނގާ އެފަދަ މައްސަލަ ތަކުގައި އެފަދަ ކުދިންނަށް ދޭންޖެހޭ "ތެރަޕިއުޓިކް ކައުންސެލިން" ދޭނެ ފަރާތެއް ނުހުރެވެ. އަދި އިތުރަށް އެކުދިންނަށް ފަރުވާ ދޭން ގެންނަން ޖެހެނީ މާލެ އެވެ.
ކުޑަކުދިންގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ފުނިޖެހި ބޮޑުވަމުންދާއިރު އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަކާލާތު ކުރާ ޖެންޑަ ޑިޕާޓްމަންޓް ބަލިކަށިވެފައިވާއިރު އިތުރަށް އެތަން ހަރުދަނާ ކުރަން ވަނީ ޖެހިފަ އެވެ.