27 Jun 2012, 20:23
ފ.އަތޮޅު ކައުންސިލަށް ބަޖެޓުގެ ތާށިކަން ކުރިމަތިވެ އެކައުންސިލުން އާންމުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލުމަށް ކައުންސިލުން ނިންމައިފި އެވެ.
ފ.އަތޮޅު ކައުންސިލް މެންބަރު މުސާ އިސްލާމާއިލް މިއަދު ވިދާޅުވީ ކައުންސިލް އިދާރާއިން ދެމުންދާ ހިދުމަތްތައް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާއިން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އެނާ ވިދާޅުވީ ކައުންސިލް އިދާރާއިން ދެމުންދާ ހިދުމަތްތައް މެދުކަނޑާލުމަށް ނިންމީ ކައުންސިލް ހިންގުމަށް ދޫކޮށްފައިވާ ބެޖެޓްގެ ތާށިކަމާއި އެކު ހިދުމަތްތައް ދެވެން ނެތިގެން ކަމަށެވެ. އަދި ކައުންސިލް އިދާރާގެ ފޯނުބިލް ނުދެއްކިގެން ހިދުމަތް ކެނޑިފައިވާތާ ދެ މަސްދުވަސް ވެފައިވާ ކަމަށްވެސް ކައުންސިލް މެންބަރު އިސްމާއިލް ވިދާޅުވި އެވެ.
"މިއަހަރު ފެށުނީއްސުރެ ބަޖެޓްގެ ކަންތަކުގައި ވަރަށް ތާށިކޮށް މިއުޅެނީ. އަދި ހާއްސަކޮށް އަތޮޅު ކައުންސިލް އިދާރާގެ ފޯނުލައިނާއި ފެކްސް ލައިނުގެ ބިލަށް ފައިސާ ނުދެއްކިގެން ހިދުމަތް މެދު ކެނޑިފައިވާތާވެސް ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ. އޮފީސް ހިންގުމަށްވެސް ބޭނުން ކުރަމުންދަނީ އޮފީސް އިދާރީ މުވައްޒަފުންގެ ފޯނާއި ކައުންސިލް މެންބަރުންގެ ފޯނު،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިދާރާއިން ދެމުންދާ ހިދުމަތްތައް މެދުކަނޑާލުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ކައުންސިލް މެންބަރާއި އަމިއްލަ ކައުންސިލް މެންބަރުގެ ތާއިދާއެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން. އެއީ އަޅުގަނޑުމެނަށް އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން މިކަމުގައި މި ގޮތަށް މި ކައުންސިލުން ނީންމީ،" އެނާ ވިދާޅުވި އެވެ.
ފ.އަތޮޅު ކައުންސިލުން ދެމުންދާ ހިދުމަތްތައްތަކުގެ ތެރޭގައި ކަނޑާއި އެއްގަމުގައި ދުއްވާ އެއްޗެހީގެ ލައިސަންސް ދޫކުރުމާއި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައިދިނުމުގެ އިތުރުން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ފަދަ ގިނަ ހިދުމަތްތަކެއް އަންނަނީ ދެމުންނެވެ.