12 Sep 2024, 18:35
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންްޔޫ)އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ. އެ މައުރަޒު ހުޅުއްވައިދެއްވައި ޑރ. ނަޒީރު ވަނީ ފޮތް މައުރަޒު ބައްލަވާ ލައްވައިފައެވެ.
މި ފޮތް މައުރަޒުގައި ހެޔޮ އަގުތަކެއްގައި ތަފާތު ވައްތަރުގެ ފޮތްތައް ލިބެން ހުރިއިރު، އޭގެތެރޭގައި ވާހަކައާއި ދީނީ ފޮތްތަކާއި ފަތްތޫރައާއި ތަފާތު މައުލޫމާތުތައް ލިބޭ ފޮތްތައް ވިއްކަން ބަހައްޓާފައިވެއެވެ.
އެމްއެންޔޫއިން ބުނީ، މި އަހަރުގެ މައުރަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ 26 ސްޓޯލާއި އެމްއެންޔޫގެ ދެ ސްޓޯލެއް ހިމަނައިގެން 28 ސްޓޯލެއްގައި ފޮތްތައް ވިއްކަމުން ދާނެ ކަމަށެވެ.

އެމްއެންޔޫ ފޮތް މައުރަޒުގެ ތެރެއިން: މިއަހަރުގެ މައުރަޒު މިއަދު ވަނީ ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00ގެ ނިޔަލަށް އަދި ރޭގަނޑު 20:00އިން 22:00ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެމްއެންޔޫއިން ބުނީ، މައުރަޒު ބޭއްވުމުގެ މަގުސަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި ޝާއިއު ނުކުރެވި ހުރި އައު ފޮތް ފަދަ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދެވޭނެ މާހައުލެއް އުފެއްދުން ކަމަށެވެ.
މީގެއިތުރުން، ފޮތަށް އަހުލުވެރިކުރުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުގު އުފެއްދުމާއި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
ގައުމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.