އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިރޭ ހާޒިރުކުރަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވުމަށް އިލެކްޝަންސްގެ 46 މުވައްޒިފަކަށް އަންގާފައިވަނީ މިރޭ 9:00 ޖަހާއިރަށެވެ.

އެނގިފައިވާ ގޮތުގައި އިލެކްޝަންސްގެ މުވައްޒަފުން ކޮމެޓީއަށް ހާޒިރުކުރަނީ އެ ކޮމިޝަންގެ މެންބަރުންނާ ގުޅޭގޮތުން އެ މުވައްޒަފުން ކޮމެޓީއަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް އެ ކޮމެޓީން ކުރިއަށް ގެންދާ ތަހުގީގަށެވެ.

ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކަށް މީގެ ކުރިން ބައެއް މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ހާޒިރުކޮށްފައި ވިޔަސް މިއީ އެއް މުއައްސަސާއަކަށް ނިސްބަތްވާ މިހާ ގިނަ އަދަދެއްގެ މުވައްޒަފުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާ ފުރަތަމަ ފަހަރެވެ.

އިލެކްޝަންސްގެ މުވައްޒަފުން މިނިވަން މުއައްސަސާތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކޮމިޝަންގެ މެންބަރުން ގާނޫނާއި ގަވާއިދާއި ހިލާފު ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވައި ކަމަށާއި އެކަމާ ގުޅިގެން މުވައްޒަފުން މަސައްކަތް ކުރަނީ "ބިރުވެރި"ކަމެއްގައި ކަމަށެވެ. ކޮމިޝަންގެ މެންބަރުން އަމިއްލަ ބައެއް ހަރަދުތައް ކުރަނީ ކޮމިޝަންގެ ބައެއް ވަސީލަތްތަކާއި ބަޖެޓް ބޭނުންކޮށްގެން ކަމަށްވެސް މުވައްޒަފުން ކޮމެޓީއަށް ފޮނުވި ސިޓީގައިވެ އެވެ. އަދި ކޮމިޝަންގެ މުވައްޒަފުންނާއި މެދު އަމަލުކުރަމުން ދަނީ އިހާނެތި ގޮތަކަށް ކަމަށްވެސް ވަނީ ބުނެފަ އެވެ. އެގޮތުން މުވައްޒަފުންނާ މެންބަރުން ޒާތީ ގޮތުން ޖައްސާލުމާއި މުވައްޒަފުންނާ ދެމެދު މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރުންވެސް ހިމެނެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދެވެ.