ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ބުނީ އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި މިރޭ އޭނާގެ ހަށިގަނޑު މާލެ ގެންނާނެ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުޙައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އެ މީހާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 8:38 ހާއިރު ކަމަށެވެ.

އެއީ 36 އަހަރުގެ، އެ ސިޓީއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "ސަން"އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ، އެ ސިޓީގެ ޑެއިޒީފެހި، މުޙައްމަދު ހަސަން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ހޮސްޕިޓަލާ ހަވާލާދީ އަލީ ވިދާޅުވިއެވެ.

މަރުގެ ހާދިސާއެއް އިއްޔެ ވެސްވަނީ ފެންމަތިވެފައެވެ. އެގޮތުން އިއްޔެ ހެނދުނު ނ. ހޮޅުދޫ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުއްޓެވެ.

ޒަކިއްޔާގެ ޕޯސްޓްމޯޓަމް ހަދަން ވެސްވަނީ ނިންމައިފައެވެ.