މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހދ. ހަނިމާދޫ ގޮނޑުދޮށުން މިއަދު ހޮވައިފި އެވެ.

މާވަހަރު ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޮވާފައި ވަނީ އެރަށު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓާ އިބްރާހިމް އަލީ އެވެ.

އޭނާ ސަން އޮންލައިންއަށް އަށް މައުލޫމާތު ދެމުން މިއަދު ބުނީ މާވަހަރެއް ކަމަށް ބެލެވޭ އެ އެތި ފެނިފައިވަނީ މިއަދު ހެނދުނު 6:15 އެހާކަންހާއިރު އޭނާ މޫދަށް އެރެން ގޮސް އުޅެނިކޮށް ކަމަށެވެ.

"އަޅުގަނޑު ކޮންމެ ދުވަހަވެސް ހެނދުނު މޫދަށް ދާން. އެގޮތުން މިއަދުވެސް މޫދަށް ދިޔައިރު ގޮނޑުދޮށާއި ދިހަވަރަށް ފޫޓު ކައިރިން އޮއްވަ ފެނުނީ،" އިބްރާހިމް ވިދާޅުވި އެވެ.

މާވަހަރެއްކަން އަދި މުޅިން ޔަގީން ވެފައިނުވި ނަމަވެސް އިބްރާހިމް ވަނީ އޭތި ގެއަށް ގެނެސްފަ އެވެ.

ހޮވި އެތީގައި ގާތްގަނޑަކަށް 2 ކިލޯ ހުންނާނެ ކަމަށް އިބްރާހިމް ވިދާޅުވި އެެވެ. އެ އެއްޗަކީ މާވަހަރެއްކަން ޔަގީން ކުރަން ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އޭތި މާލެ ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މާވަހަރެއްކަން ޓެސްޓް ކުރަން އަދި ނުއެއް ފޮނުވަން. އެކަމު ދެ ދުވަސް ތެރޭގައި ފޮނުވާނަން މާލެ. އޭގައި ގާތްގަނޑަކަށް ދެ ކިލޯ ހުންނާނެ،" އިބްރާހިމް ވިދާޅުވި އެވެ.

ހަނިމަދޫން މި މަހުގެ އަށްވަނަ ދުވަހުވެސް ވަނީ މާވަރެއް ފެނިފަ އެވެ. އެހެން ނަމަވެސް އެ މާވަހަރުގެ މިލްކުވެރި ކަމުގެ މައްސަލަތަކެއް އުފެއްދި އެ މައްސަލަ އޮތީ ކޯޓުގަ އެވެ.

މިފަހަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހު ފެނުންވަނީ އިތުރުވެފަ އެވެ.