ސޯޝަލް ހެލެތް އިންސުއަރެންސް ސްކީމް، އާސަންދަ ނިޒާމުގެ ހިދުމަތް އަމިއްލަ ކްލިނިކްތަކަށް އަދިވެސް ލިބެމުން ނުދާތީ އެމައްސަލަ ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އޭސީސީއަށް އަނެއްކާ ވެސް މައްސަލައެއް ހުށަހަޅައިފި އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން މިދިޔަ އާދިއްތަ ދުވަހު އޭސީސީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ހިލޭ ބޭސް ފަރުވާ ކުރެވޭ އާސަންދައިގެ ހިދުމަތް އަމިއްލަ ކްލިނިކްތަކަށް ހުޅުވާލާނެ ކަމަށް ސަރުކާރުން އެކި ފަހަރު އެކި ތާރީހުތައް ދީފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އޭޑީކޭ ފިޔަވައި އެހެން އެއްވެސް އަމިއްލަތަނަކުން އެހިދުމަތް ލިބެމުން ނުދާ ކަމަށެވެ.

އެއްލައްކަ ރުފިޔާގެ ހިލޭ ބޭސްފަރުވާ ކުރެވޭ މިނިޒާމުގެ ދަށުން ކުރިން ހިލޭ ބޭސްފަރުވާ ކުރެވެމުން ދިޔަ ބައެއް ކްލިނިކްތަކުން ވެސް އެހިދުމަތް ދިނުން ހުއްޓާލުމަށްފަހު ހަމައެކަނި އޭޑީކޭއިން މިއަދާއި ހަމައަށްވެސް އެހިދުމަތް ދެމުންގެންދާތީ އެ މައްސަލަވެސް ބަލައި ދިނުމަށް އެސިޓީގައި އެދިފައި ވެއެވެ.

"އާސަންދައިގެ ހިދުމަތް ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދެމެވެ،" އެ ސިޓީގައިވެ އެވެ.

ނޭޝަނަލް ޝޯސަލް ހެތްލް އިންސުއަރެންސް ބޯޑުގެ ޗެއާމަން ތޯރިގް އަލީ ލުތުފީ މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތް ކްލިނިކްތަކުން ދިނުމުގެ ގޮތުން އެފުރުސަތު މިމަހުގެ އެއް ވަނަ ދުވަހު ހުޅުވާލާފައިވާއިރު މިހާތަނަށް 26 ކްލިނިކަކުން އެހިދުމަތް ދިނުމަށް އެދިފައިވާ ކަމަށާއި އެފަރާތްތަކަށް ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންތަކުގައި އަވަސް އަރުވާލައިގެން މަސައްކަތްކުރުމުން ނުކުންނަ ނަތީޖާ އެހާ ރަނގަޅު ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކަންތައްތައް މިކުރަނީ ވަކި އުސޫލުތަކެއްގެ ދަށުން، އެހެންވެ އެކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ، އެގްރީމަންޓް ކުރުމާ ހަމައިގައި މިހާރު މިއޮތީ، މިކަހަލަ ކަންކަމުގައި އަވަސް އަރުވާލައިގެން އުޅެފިނަމަ ނެރެވޭ ނަތީޖާ އެހާ ރަނގަޅެއް ނުވާނެ،" ތޯރިގް ވިދާޅުވި އެވެ.

ކްލިނިކްތަކަށް އާސަންދައިގެ ހިދުމަތް ދޭން ސަރުކާރުން ކަނޑައާޅާފައިވާ ތާރީހު ލަސްވަމުންދާ ކަމަށް ބުނެ ކްލިނިލްތަކުގެ މަސްއޫލުވެރި ފަރާތްތަކުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެމައްސަލަ އޭސީސީ އަށާއި މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.