މަސްތުވާތަކެތީގެ މައްސަލަތަކުގައި އިއުތިރާފްވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޑްރަގް ކޯޓަށް މިހާތަނަށް 152 މީހެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.

ޑްރަގް ކޯޓުން ރޭ ހާމަކޮށްފައިވާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޑްރަގް ކޯޓަށް މިހާތަނަށް ހުށަހަޅާފައިވަނީ 135 ފިރިހެނެއްގެ މައްސަލައަކާއި 17 އަންހެނެއްގެ މައްސަލައިގެ އިތުރުން 9 ކުޑަ ކުއްޖެއްގެ މައްސަލަ އެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި ޑްރަގް ކޯޓަށް ހުށަހަޅާފައިވާ މައްސަތަކުގެ ތެރެއިން 127 މައްސަލައެއް ފޮނުވާފައިވަނީ ކުރިމިނަލް ކޯޓުންނެވެ. އަދި ޖުވައިނަލް ކޯޓުން ނުވަ މައްސަލައެއް ވަނީ ފޮނުވައިފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ޖަލަށް ހުކުމް ކޮށްފައިތިބި 15 މީހެއްގެ މައްސަލަ ނޭޝަނަލް ޑްރަގް އެޖެންސީ އިންވެސް ވަނީ އެކޯޓަށް ހުށަހަޅައިފަ އެވެ.

މީގެ ކުރިން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތެރެއިން 2008 ވަނަ އަހަރު ހުށަހަޅާފައިވާ 3 މައްސަލައެއް ވަނީ ޑްރަގް ކޯޓަށް ފޮނުވާފައި އެވެ. އަދި 2009 ވަނަ އަހަރު ކޯޓަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ހަ މައްސަލައެއް ޑްރަގު ކޯޓަށް ފޮނުވާފައިވާއިރު 2010ގައި ފޮނުފައިވާ 72 މައްސަލައެއް ޑްރަގް ކޯޓަށް ހުށަހަޅާފައިވެ އެވެ.

ޑްރަގް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ އެންމެ ގިނަ ބަޔަކު ނިސްބަތް ވަނީ ކ. އަތޮޅާއި މާލޭގަ އެވެ. ދެން އެންމެ ގިނައިން ގދ. އަތޮޅުންނާއި އައްޑޫ ސީޓީންނެވެ.

މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފެއްދި ޑްރަގް ކޯޓްގެ ފަނޑިޔާރުން އައްޔަން ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ. އަދި ޑްރަގް ކޯޓަށް އެންމެ ފުރަތަމަ މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ޖުވައިނަލް ކޯޓުންނެވެ. އަދި ފުރަތަމަ އަޑު އެހުމެއް ބާއްވާފައި ވަނީ މައްސަލަ ހުށަހެޅިތާ ދެމަސް ދުވަސް ފަހުން 17 ޖޫންގަ އެވެ. އެ ކޯޓުގެ ފަޑިޔާރުން ހުވާކުރެއްވީ ފެބުރުއަރީ 25 ގަ އެވެ.

ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އާބާދީގެ 48 އިންސައްތަ މީހުންނަކީ 15-19 އަހަރާއި ދެމެދުގެ މީހުނެވެ.