އަޑުގަދަވާ ފަދަ ސައިލެންސަރު ހަރުކޮށްގެން ނުވަތަ މީހުންނަށް އުނދަގޫވާ ގޮތަށް މޮޑިފައިކޮށްގެން ދުއްވާ އުޅަނދުތައް އެއް މަސް ދުވަހަށް ހިފެހެއްޓޭ ގޮތަށް ފުލުހުންގެ ގަވާއިދުތަކަށް އިސްލާހު ގެނެސްފިއެވެ.

ފުލުހުންގެ ގަވާއިދުތަކަށް އިސްލާހު ގެނެސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން މިދިޔަ ހުކުރު ދުވަހު ފަތިހު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި ފިޔަވަޅުތަކެއް އަޅަން އިދާރާތަކަށް އެންގުމާ ގުޅިގެންނެވެ.

އެގޮތުން، އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ފުލުހުން އިއްޔެ ގެނެސްފައިވާއިސްލާހުގައިވާގޮތުން، މީހުންގެ ހިތްތަކުގައި 'ބިރުވެރިކަން' އުފެދޭ ގޮތަށް ސައިލަންސަރު ބަދަލުކޮށްގެން ދުއްވައިގެން ހިފަހައްޓާ އުޅަނދުތައް ދެން ދޫކުރާނީ އެ އުޅަނދަކަށް ގެނެސްފައިވާ ބަދަލެއް ރަނގަޅުކުރުމުންނެވެ.

ފުލުހެއް މަގުމަތީގައި ހަރަކާތްތެރިވަނީ: އަޑުގަދަވާ ގޮތަށް ސައިލަންސަރު ހަރުކޮށްގެން ދުއްވާ އުޅަނދުތައް އެއްމަހަށް ހިފަހައްޓަނީ-- ފޮޓޯ/ ފުލުހުން

މީގެ އިތުރުން، ސައިލަންސަރު ބަދަލުކޮށްފައިވާ އުޅަނދެއް ނަމަ، އަދި ވެރިފަރާތަަށް އެކަން އަންގައިގެން އެ ކަމެއް ރަނގަޅު ނުކޮށްގެން ޓޯކޮށްފައިވާ އުޅަނދެއް ނަމަ 15 ދުވަހުގެ ތެރޭގައި އޭގެ އަސްލާ އެގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވާ އުޅަނދެއް ނަމަ 30 ދުވަހަށް ހިފެހެއްޓޭނެއެވެ.

އުޅަނދު މޮޑިފައިކުރާއިރު އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްޗެއް ހަރުކޮށްފައިވާ ނަމަ، އެ އެއްޗެއް ފުލުހުން ނައްތާލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އެއަށް ފަހު އުޅަނދު ދޫކުރާނީ 30 ދުވަހަށް ފަހުގައެވެ.

އެ އިސްލާހަށް ގެނައި އިތުރު ބަދަލުތައް:

  • ނުގަވާއިދުން ޕާކުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދުތައް 48 ގަޑިއިރަށް ހިފެހެއްޓުން

  • އަސްލަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް ނަމަ ވެރިފަރާތަށް އަންގައި އެ ކަމެއް ރަނގަޅުނުކޮށްފިނަމަ 15 ދުވަހަށް އެ އުޅަނދެއް ޓޯކުރެވުން

ފާހަގަކޮށްލެވޭ ގޮތުގައި، އުޅަނދުތަކުގެ އަސްލު ގެއްލޭ ގޮތަށް އެކި ބަދަލުތައް ގެނެސްގެން ދުއްވާ އުޅަނދުތައް މާލޭ ސަރަހައްދުގައި ދުއްވާ މިންވަރު ވަރަށް ގިނައެވެ. އެކަމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.