ދަ ހޭގް (10 ސެޕްޓެމްބަރު 2024) : އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރު ޔޯފް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ ކަންތައް އަވަސްކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރު ކަރީމް އަހްމަދު ޚާން އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ކަރީމް އަހްމަދު ޚާން ވިދާޅުވިގޮތުގައި ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރު ގަލަންޓް ގެންދަނީ ފާޅުގައި ޣައްޒާގެ އާންމުންނަށް ހަމަލާދީ އާންމުން މަރަމުންނެވެ.

މި ހާލަތުގައި މިދެމީހުން ހައްޔަރުކޮށް އެމީހުންގެ ޖަރީމާތައް ނުހުއްޓެވޭ ކޮންމެ ދުވަހަކީ ޣައްޒާގެ އެތައް ބައެއްގެ ފުރާނަ ނެތިގެންދާނެ ދުވަހެއްކަމަށް ކަރީމް ޚާން ވިދާޅުވިއެވެ.

ކަރީމް ޚާން، "އައިސީސީ" ގެ ފަނޑިޔާރުންނަށް ފޮނުއްވި ސިޓީއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުންގެންދަނީ މިފަހަކަށް އައިސް ދުނިޔެއިން ނުފެންފަދަ އަނިޔާވެރި ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތަކެކެވެ.

މިކަމުގެ ފަހަތުގައިވާ ފަރާތްތައް ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ ގާނޫނީ ބާރު "އައިސީސީ" އަށް އެބައޮތްކަމަށް އެ ސިޓީގައި ކަރީމް ޚާން ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް "އައިސީސީ" ގެ ފަނޑިޔާރުންގެ ކިބައިން ކަރީމް ޚާން އެދިވަޑައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފަނޑިޔާރުން ގެންދަނީ އެއަމުރު ނެރުމަށް ފަސްޖެހެމުންނެވެ.

މިދިޔަ ހަފްތާގައި ކަރީމް ޚާންވަނީ އިސްރާއީލުގެ ވެރިންނަށް ވެސް ބައިނަލްއަގްވާމީ ގާނޫނުން މަތީގައި އުޅެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުގެ އިސްވެރިންގެ ދިފާއުގައި އެމެރިކާއާއި ޔޫރަޕުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އަތްބާނައި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރަށް ބިރުދައްކައި އަދި ނުފޫޒު ފޯރުވަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން އެމެރިކާއާއި ޔޫރަޕުން ޚުދު އޭނާއަށް ބިރު ދައްކަމުން ގެންދާކަމަށް ކަރީމްޚާން ވަނީ ވިދާޅުވެފައެވެ.

މިއީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރަކު މިހާ ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާއާއި ޔޫރަޕްގެ މައްޗަށް މިފަދަ ބޮޑު ޖިނާއީ ތުހުމަތެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ އެތަށް ބަޔަކާ ދެކޮޅަށް އެތަށް ގަތުލުއާންމެއް ހިންގައެވެ. ކޮންމެ ދުވަހަކު ވެސް ޣައްޒާގެ 60 ނުވަތަ 70 ވަރަކަށް އާންމުން އެއްވެސް ރަހުމެއްނެތި މަރާލައެވެ.

އިސްރާއީލުގެ މި ގަތުލުއާންމުތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. މި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ހިމާޔަތް ވެސް އިސްރާއީލުގެ އިސްވެރިންނަށް ފާޅުގައި ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

އިއްޔެވެސް އިސްރާއީލުންވަނީ ޣައްޒާގެ އަލްމަވާސީ ރެފިއުޖީ ފޭލިގެތަކަށް ބޮންއަޅައި 40 އަށް ވުރެ ގިނަ މީހުން އެއްފަހަރާ ޝަހީދުކޮށް ބިރުވެރި ގަތުލުއާންމެއް ހިންގާފައެވެ.

އޭގެކުރިން އިސްރާއީލުވަނީ ޣައްޒާގެ ޚާން ޔޫނިސްއަށް ހަމަލާދީ އިތުރު 16 ރެފިއުޖީން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުން ސޫރިޔާއަށް ހަމަލާދީ އިތުރު 16 މީހަކުވެސް ޝަހީދުކޮށްލާފައިވެއެވެ.

އިސްރާއީލު ހިންގާ މިއިން އެއްވެސް ޖަރީމާއަކާމެދު އެމެރިކާއާއި ޔޫރަޕްގެ އިސްވެރިން ކުޑަކޮށް ވެސް އަޅައެއް ނުލައެވެ. ދެނަހުރިކަމަށްވެސް ނަހަދައެވެ.

ނަމަވެސް އެމެރިކާއާއި ޔޫރަޕުންވަނީ އީރާނުން ރަޝިއާއަށް ހަތިޔާރު ދޭކަމަށް ބުނެ އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅިކަން އިއްޔެ ވެސް އިއުލާނުކޮށްފައެވެ. އަދި މުލި ސަރަހައްދުގައިވެސް ހަރުކަށި އަމަލުތައް ހިންގައި ގައުމުތަކަށް ހަމަލާދީ މީހުން މަރަމުންގެންދާ ކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕުން ކުރަމުން ގެންދަނީ އީރާނުގެ މައްޗަށެވެ.

އިސްރާއީލުވަނީ ޣައްޒާއިން 41 ހާހަށް ވުރެ ގިނަ އާންމުން މަރާލާފައެވެ.