27 Jun 2012, 16:50
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ޖޭމްސް ލޯސަން އެވޯޑް" ދިނުމަށް އެމެރިކާގެ ސެންޓާ ފޯ ނޮން ވައިލެންސް ކޮންފްލިކްޓް ސެންޓަރުން ނިންމައިފި އެވެ.
އެ ސެންޓަރުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެސެންޓަރުން އެ އެވޯޑް ރައީސް ނަޝީދަށް ދިނުމަށް ނިންމާފައިވަނީ ރާއްޖޭގައި 30 އަހަރު ވަންދެއް އޮތް ދިގު ވެރިކަން ނިމުމަކަށް ގެންނަވައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސުލްހަވެރިކަމާ އެކު ރައީސް ނަޝީދު ކުރައްމުން ގެންދެވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އެ ވޯޑް ރައީސް ނަޝީދަށް ދޭ އިތުރު ސަބަބުތަކުގެ ތެރޭގައި އެ މަނިކުފާނުގެ ލީޑަޝިޕާއި ވެރިކަން ބަދަލުވި ދަޑިވަޅުގައި ދެއްކެވި ހިތްވަރާއި އަޒުމްގެ ވަރުގަދަކަން ފާހަގަކުރުން ހިމެނެ އެވެ.
ޖޭމްސް ލޯސަން އެވޯޑަކީ އަހަރަކު އެއްފަހަރު އެސެންޓަރުން ދެމުން އަންނަ އެވޯޑެކެވެ. އެ އެވޯޑް ރައީސް ނަޝީދަށް އެރުވުމަށް ހަމަޖެހިފައިވަނީ އެ ސެންޓަރުގެ ފައުންޑާ ޑރ. ޖޭމްސް ލޯސަންގެ އަތްޕުޅުން ކަމަށްވެސް ނަންވައިލެންސް ކޮންފްލިކްޓް ސެންޓަރުން ބުންޏެވެ.
ޖޭމްސް ލޯސަންއަކީ 1960 ގެ އަހަރުތަކުގައި އެމެރިކާގައި ކުރިއަށް ދިޔަ މަދަނީ ހައްގުތައް ހޯދުމުގެ ހަރަކާތް، ސިވިލް ރައިޓްސް މޫވްމެންޓް ގެ ބާނީ ކިންގް ޑރ. މާޓިން ލުތާގެ އެންމެ އަރިސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މިއެވޯޑް މީގެކުރިން ލިބިވަޑައިގެންނެވި ބޭބޭފުޅުންގެ ތެރޭގައި ހަމަނުޖެހުންތަކާ ދެކޮޅަށް މަސައްކަތްުކުރައްވާފައިވާ ބޭބޭފުޅުން ހިމެނެ އެވެ. އޭގެތެރޭގައި ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްފައިވާ މިސްރުގެ އެކްޓިވިސްޓެއް ކަމުގައިވާ ގާދާ ސާބެންޑާ އާއި ހަމަނުޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރާ ބަހުރެއިންގެ ޖާނަލިސްޓެއް ކަމުގައިވާ ނަދާ އަލްވަދީ ހިމެނެ އެވެ.
ރައީސް ނަޝީދު ޑިމޮކްރަސީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މީގެކުރިން ވެސް ތަފާތު އެކިއެކި އެވޯޑްތައް އެމަނިކުފާނަށް ދުނިޔޭގެ އެކި އެކި ގައުމުތަކުން ވަނީ ދީފަ އެވެ.