ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭނުން ކުރުމަށް އެޕްރޫވަލް ހޯދުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސަރުކާރުން ފޮނުވާފައިވާ 300 މިލިއަން ރުފިޔާގެ ލޯނު މިދިޔަ މަހުގެ ތެރޭގައި ބީއެމްއެލްއިން ސަރުކާރަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފީނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސަން އޮންލައިން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެ ލޯނުގެ އެގްރިމެންޓުގައި ސަރުކާރާއި ބީއެމްއެލްއާ ދެމެދު ސޮއި ކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި އޭރު މަޖިލިސް އޮތީ ޗުއްޓީގައި ކަމަށެވެ.

"އަޅުގަނޑުމެން އެ ލޯން ނަގަން ޖެހުނީ ވަރަށް އަވަސް ގޮތަކަށް، އޭރު މަޖިލިސް ޗުއްޓީގައި އޮތީމައި ލޯނު އޭރު ނެގީ، ނަގާފައި އަޅުގަނޑުމެން އެއޮތީ މަޖިލީހަށް ފޮނުވާފައި،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ލޯނުގެ ފުރަތަމަ ޕޭމަންޓް މިދިޔަ މަހު ލިބުނު އިރު މި މަހުގެ ފަހުކޮޅު ވަނީ އެ ލޯނުގެ ފަހު ޕޭމަންޓް ލިބިފައި ކަމަށެވެ. އެ ފައިސާ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ.

އެ ލޯނު ނެގުމަކީ ގާނޫނީ ގޮތުން މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވައި ކަމަށާއި ބަޖެޓް ފާސްކުރާއިރުވެސް ބަޖެޓް ސަޕޯޓަށް ލޯނު ނެގުމަށް އޮތީ ފާސްކޮށްފައި ކަމަށް ވުމުން އެއީ މައްސަލައެއް ނޫންކަމަށް ޖިހާދު ވިދާޅުވި އެވެ.

"އެހެންވީމައި އެގޮތައް ލޯނެއް ނެގުމަކީ މައްސަލައެއް ކަމަކަށް ނުދެކެން، ބަޖެޓް ސަޕޯޓަށް އޮންނާނީ ލޯނު ނަގަން ފާސްކޮށްފައި ބަޖެޓް ފާސްކުރާއިރުވެސް، އެހެންވީމައި އުސޫލެއްގެ ގޮތުން އެއީ މައްސަލައެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީއަށް ފިނޭންސުން ފޮނުވާފައިވަނީ، ބަޖެޓުގައި ހިމަނާފައިވާ 65 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބީއެމްއެލްއިން ނަގައި ގޮތަށެވެ. ކޮމެޓީން މިހާރު ނިންމާފައިވަނީ ކައުންސިލްގެ ޖެނެރަލްގެ ލަފާގެ މަތިން އެ ލޯނުގެ މައްސަލަ މުޅި މަޖިލީހުން ފާސްކޮށް ހުއްދަ ދޭ ގޮތަށް ނޫނީ ކޮމެޓީން ފާސްކުރާ ގޮތަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ބަޖެޓް ސަޕޯޓަށް ލޯނު ނެގުމަށް ބަޖެޓުގައި ހިމެނިފައިވާ ކަމަށާއި އުސޫލެއްގެ ގޮތުން އެ ލޯނަކީ ބަޖެޓްގައި ހިމެނިފައިވާ ލޯނެއް ކަމަށެވެ. ނަމަވެސް އެ ލޯނު ނަގަން އެގްރިމަންޓްގައި ސޮއި ކުރި ތާރީހު ބަލަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"ޓެކްނިކަލީ އެ ލޯނަކީ ބަޖެޓްގައި ހިމަނާފައި އޮތް ލޯނެއް، އެހެންވީމައި ޓެކްނިކަލީ ބުނެވޭކަށް ނެތް [ބަޖެޓްގައި] ނުހިމެނޭ ލޯނެއް ނެގި ކަމަކަށް، އެއީ މަޖިލީހުން ނިންމާފައި އޮތް ކަމެއް، ދެން އޮތީ އެހެން މައްސަލައެއް، އެ ލޯނުގެ އެގްރިމަންޓްގެ ތާރީހުގައި ސޮއިކޮށްފައި އޮތް އިރާއި އެއްޗިހި ބަލަން މިޖެހެނީ،" ނާޒިމް ވިދާޅުވި އެވެ.

ބީއެމްއެލްއިން ނެގި 300 މިލިއަން ރުފިޔާގެ ލޯނު އަބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ބޭނުން ކުރަން ފަށާތާ 23 މަސް ދުވަހުގެ ތެރޭގައި ކަމަށްވާއިރު ލޯނު މުޅިން ދައްކާ ނިމޭއިރު ލޯނުގެ އަގު 384 މިލިއަނަށް އަރާނެ ކަމަށް މާލިއްޔަތު ކޮމެޓީން ބުނެ އެވެ. އަދި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 33 ޕަސެންޓްކަންވެސް ވަނީ އެނގިފަ އެވެ.

މަޖިލީހުން ފާސްނުކޮށް ލޯނެއް ނެގި މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް މަޖިލީހަށް މިހާރު ވަނީ ގަރާރެއްވެސް ހުށަހަޅައިފަ އެވެ.