11 Sep 2024, 08:38
ބޮލީވުޑްގައި އުޖާލާ ކުރިމަގެއް އޮތް ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ އަލަތު ތެލުގޫ ފިލްމު "ދޭވްރާ: ޕާޓް 1"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
މި އަހަރު ރިލީޒްކުރެވޭ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑު އިންތިޒާރެއް ކުރާ މި ފިލްމަކީ، ކާމިޔާބު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްގެ އާއިލީ ކުންފުނިން ގެނެސްދޭ ފިލްމެކެވެ. މިއީ 2022 ވަނަ އަހަރު ރިލީޒްވި ޖޫނިއަ އެންޓީއާރްގެ ފިލްމު "އާރްއާރްއާރް"އަށްފަހު އެކްޓަރު ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.
ޖާންވީ އާއި ޖޫނިއަ އެންޓީއާރުގެ އިތުރުން ފިލްމުގެ ވިލެންގެ ރޯލްއިން ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ފެންނާނެއެވެ. މިއީ ސައިފް އަލީ ޚާން ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ފިލްމެއްކަން ފިލްމުގެ ޕޯސްޓަރުތަކަށް ބަލާލިއަސް އެނގެއެވެ. މި ފިލްމުގައި ދައްކުވައިދެނީ ކަނޑު ފޭރޭ ސިލްސިލާތަކެއްގެ ނިމުން ގެންނަން ދެ ބައެއްގެ މެދުގައި ހިނގާ ތަޅާފޮޅުންތަކެކެވެ.

ޖާންވީ ފިލްމު "ދޭވްރާ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ޕިންކްވިލާ
މި މަހުގެ 27 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ފިލްމުގެ ހިންދީ ވާޝަން ގެނެސްދޭނީ މަގުބޫލު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިންނެވެ. ޖާންވީގެ މި އަހަރު ރިލީޒްކުރި ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"އަކީ ވެސް ދަރުމާ ކުންފުނީގެ ފިލްމެކެވެ.
ޖާންވީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރި ފިލްމު "އުލަޖް"އިންނެވެ. ފިލްމު "ދޭވްރާ"އާ އެކު ޖާންވީއަށް ސައުތު ސިނަމާގެ އިތުރު ފުރުސަތުތަކެއް ހުޅުވޭނެއިރު ސައުތު ސިނަމާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުރި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.