27 Jun 2012, 14:50
ޔޫރަޕުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ޕޯޗުގަލް އާއި ސްޕޭން މިރޭ ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަވާނެ މެޗެކެވެ.
މި މެޗަށް ނުކުންނައިރު އެންމެ ޝައުގުވެރި ކުރުވާނެ ކަމަކީ ސްޕެނިޝް ލީގުގެ އެންމެ ވަރުގަދަ ދެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި މެޗުން ފެނިގެންދިއުމެވެ. މިހެންވެ ރެއާލްގެ ކޯޗު ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވެސް މިރޭގެ މެޗު ބަލަން ދަނޑަށްދާނެ އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރު ޕެޕޭ އަދި ފަބިއޯ ކޮންޓްރާއޯ އަކީ ރެއާލް މެޑްރިޑުގެ ކުޅުންތެރިންނެވެ. މީގެ އިތުރުން ސްޕޭނުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިކާ ކަސިޔާސް އާއި ޑިފެންޑަރު ރައުލް އަލްބިއޯލް އާއި ސާޖިއޯ ރާމޯސްގެ އިތުރުން މިޑްފީލްޑަރު ޒަބީ އަލޮންސޯ އަކީ ވެސް ރެއާލްގެ ކުޅުންތެރިންނެވެ.
މި ކުޅުންތެރިން ގައުމީ ޖާޒީގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާއިރު މި މެޗަކީ ރޮނާލްޑޯ އަށް ވަރަށް ހާއްސަ މެޗެކެވެ. އޭނާ މި މެޗުގައި ލަނޑު ޖަހައިފިނަމަ ރޮނާލްޑޯ ވެގެންދާނީ ޔޫރޯ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށެވެ. އޭނާ މިހާތަނަށް ހަ ގޯލު ޖަހާފައިވާއިރު މުބާރާތުގެ ތާރީހުގައި މިއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަތް ލަނޑު ޖަހާފައިވާއިފާ އިނގިރޭސި ކުރީގެ ފޯވަޑް އެލަން ޝިއަރާ އާއި ޔޫއޭފާގެ ރައީސް އަދި ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ އެވެ.
މި މެޗުގައި ރެއާލްއާ އެންމެ ވާދަވެރި ބާސެލޯނާގެ ގިނަ ކުޅުންތެރިންތަކެއް ވެސް ފެނިގެންދާނެ އެވެ. ސްޕޭނުގެ ޒަވީ ހަނާންޑޭޒް އާއި އަންދްރޭސް އިނިއެސްޓާ އަދި ސެސް ފަބްރިގާސް އާއި ޖެރާޑް ޕީކޭގެ އިތުރުން ޕެޑްރޯ އަކީ ވެސް ބާސެލޯނާގެ ކުޅުންތެރިންނެވެ. މިހެންވެ މި ކުޅުންތެރިން ބުނަނީ ޕޯޗުގަލް އަކީ ވަންމޭން ޓީމެއް ކަމަށާއި ރޮނާލްޑޯގެ އުކުޅުތައް އެންމެ ރަނގަޅަށް އެނގޭ ބަޔަކީ އެމީހުން ކަމަށެވެ. އަދި އޭނާ ހުއްޓުވަން އެންމެ ރަނގަޅަށް ދަންނަނީ ވެސް ބާސެލޯނާގެ ކުޅުންތެރިން ކަމަށެވެ.
ނަމަވެސް ރޮނާލްޑޯ ބުނީ ސްޕޭނަކީ ބަލިކުރެވޭނެ ޓީމެއް ކަމަށެވެ. ސަބަބަކީ ސްޕޭން ކުޅެނީ އަބަދު އެއް ވައްތަރެއްގެ ފުޓްބޯޅައެއް ކަމަށާއި މެޗެއް ކާމިޔާބު ކުރަން އެމީހުން ތަފާތު އާކަމެއް ނުކުރާ ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޕޯޗުގަލް ޓީމުގެ ކުރި ބަލަހައްޓާނެ ކަމަށް ބެލެވެނީ ހޫލޯ އަލްމެއިޑާ އެވެ. ތުރުކީގެ ބެސިކްޓާސްގެ ފޯވަޑަށް ފުރުސަތު ދޭން ޕައުލޯ ބެންޓޯ ނިންމީ އަލްމެއިޑާގެ ފަރާތުން ޓީމަށް ފައިދާ ހުރި ކުޅުމެއް ފެންނަން ފެށުމުންނެވެ. ސްޕޭން ޓީމަށް ބަލާއިރު ފެނާންޑޯ ޓޮރޭޒް އާއި ޕެޑްރޯ ފުރަތަމަ އެގާރައިގައި ސްޓާޓް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މި މެޗަކީ ސްޕޭނަށް ހާއްސަ މެޗަކަށްވަނީ ތަށި ދިފާއު ކުރުމަށް ފައިނަލަށް ދިއުމަށް އެކަންޏެއް ނޫނެވެ. ސްޕޭން ބަލިނުވެއްޖެނަމަ އެމީހުންނަށް ޔޫރޯގައި ބަލިނުވެ 11 މެޗު ފުރިހަމަ ކުރެވި މުބާރާތުގެ މުޅިން އާރެކޯޑެއް ގާއިމް ކުރެވޭނެ އެވެ. ސްޕޭން އެންމެ ފަހުން ބަލިވީ ޔޫރޯ 2004ގައި ޕޯޗުގަލް އަތުންނެވެ.
އަނެއްކޮޅުން މިރޭ ޕޯޗުގަލްއާ ކުރިމަތިލާން ޖެހުމަކީ ސްޕޭން ޖެހިލުންވެދާނެ ކަމެކެވެ. އެއީ ފާއިތުވެދިޔަ 54 އަހަރު ތެރޭގައި މި ދެ ގައުމު މިހާތަނަށް ކުޅެގެން ސްޕޭނަށް މޮޅުވެވުނީ އެންމެ ދެ ފަހަރު ކަމަށްވާތީ އެވެ. މި ދެ ގައުމުގެ ފުރަތަމަ 15 ކުރިމަތިލުން ސްޕޭން ކާމިޔާބު ކުރި ނަމަވެސް 1948 ވަނަ އަހަރު މިކަމަށް ނިމުން އައެވެ. އަދި ޖުމުލަ 35 ފަހަރު މި ދެ ގައުމު ބައްދަލުކުރިއިރު ޕޯޗުގަލް މޮޅުވި ހަ ފަހަރު ވެސް މޮޅުވީ ލިޒްބަންގައި ކުޅެގެންނެވެ.