ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށްކޮށްފައިވާ ކަންތައްތައް ތަހުގީގުކޮށް، އެމަނިކުފާނާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ނިޒާމީ މައްސަލަތަކެއް ނަންގަވައި، މަޖިލިސް ހުއްޓުވައިފި އެވެ.

އެމްޑީޕީން މަޖިލިސް ހުއްޓުވީ ނިޒާމީ މައްސަލަތަކެއް ނަންގަވައި އަޑު ގަދަކޮށް "ބާޣީ"އޭ ގޮވައި ރިޔާސަތާ މުހާތަބުކޮށް، އެންމެ ފަހުން މަޖިލީހުގެ ނިޒާމު ގެއްލުވާލައިގެންނެވެ.

ރައީސް ނަޝީދާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ މަރުހަލާގައި ފާސްވުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް އުފެއްދުމަށް ފާސްކުރި އެވެ. އެގޮތަށް ފާސްވީ 38 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އެމްޑީޕީން ހުށަހެޅި 77 މެންބަރުންގެ ވަގުތީ ކޮމެޓީއެއް އުފެއްދުމަށެވެ. ނަމަވެސް ޕީޕީއެމްއިން ހުށަހެޅި ހަތް މެންބަރުންގެ ވަގުތީ ކޮމެޓީ އުފެއްދުމަށް ފާސްވުމުން އެމްޑީޕީގެ ހުށަހެޅުމަކަށް ވޯޓަކަށް ނާހަ އެވެ.

ހަތް މެންބަރުންގެ ކޮމެޓީއެއް އައްޔަން ކުރާނެ ނަންތައް ހުށަހެޅުމަށް ފުރުސަތު ދިނުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ހުށަހެޅުއްވި ކޮމެޓީގެ ނަންތަކުގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރެއްގެ ނަން ހިމެނުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރިޔާސަތަށް ދަންނަވާފައި ވަނީ އެ މެންބަރުން އެކަންތައްތަކުން ތަނާޒިލުވާން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ކޮމެޓީއެއްގައި އެމްޑީޕީގެ މެންބަރުން ތިއްބަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ރިޔާސަތުގައި ދެންނެވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ނިޒާމީ މައްސަލަތަކުގައި މަޖިލިސް ހުއްޓުމަކަށް އައުމުން ޖަލްސާ މިއަދަށް ނިންމާލެއްވިކަން އިއުލާން ކުރައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަގުތީ ކޮމެޓީ އަށް މެންބަރުން އައްޔަން ނުކުރެވުނު މައްސަލަ ނިންމަވާނީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

""އާދެ މިހާ ހިސާބުން މިއަދުގެ ޖަލްސާ މި ނިންމާލަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާކޮށްގެން މި މައްސަލާގައި ހައްލެއް ހޯދުމަށް ދަންނަވަމުން،" ނާޒިމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވެސް އެމަނިކުފާނާ ދެކޮޅަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ދެ ގަރާރެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި "ސޫލާ ޝަރާބް ހިއްޕެވި" ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ޖެހި ޚަބަރުތަކާ ގުޅިގެން ވެސް ގަރާރެއް ހުށަހެޅި އެވެ. އަދި ޔަހޫދީ ދައުލަތް، އިޒުރޭލާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ބަދަހި ކުރި މައްސަލާގައި ވެސް ރައީސް ނަޝީދާ ދެކޮޅަށް ގަރާރެއް ހުށަހަޅާފައިވެ އެވެ. އަދި ކޯޓުތައް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ނެރުއްވަން އުޅުއްވި ގަރާރާ ގުޅިގެން ވެސް އެމަނިކުފާނާ ދެކޮޅަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ގަރާރެއް ހުށަހަޅުއްވާފައިވެ އެވެ.