ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނީ ޖުމްހޫރީ ޕާޓީގައި ކަމަށް ވިދާޅުވެ، އެމްޑީޕީ ވަކިވެވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް ޖުމްހޫރީ ޕާޓީއަށް އިއްޔެ ސޮއި ކުރުއްވައިފި އެވެ.

ގައުމީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ އިންތިހާބަށް ނުކުންނަވައި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު އެންމެ ފަހުން އިއްޔެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އާދިލް ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އޭނާ ނިސްބަތްވާ ދާއިރާއަށް ތަރައްގީ ހޯދައިދެވޭނީ ސަރުކާރަށް ތާއިދު ކުރާ ޕާޓީއަކާ ގުޅިވަޑައިގެންނެވުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގައި "ތަންކޮޅެއް އިންޑިޕެންޑެންޓުކޮށް" މަސައްކަތް ކުރެވޭނެ ޖާގަ އޮތް ކަމަށް އާދިލް ވިދާޅުވި އެވެ.

"ވަކި މީހެއްގެ ނުފޫޒް އެ ޕާޓީގެ ތެރޭގައި އެ ޕާޓީގެ ތެރޭގައި ނެތް ކަމަށް، އެހެން ގަބޫލު ކުރެވޭތީ އަޅުގަނޑު އެ ޕާޓީއާ ގުޅެން ހިޔާރު ކުރީ،" އާދިލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ އާދިލް ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަދަދު ފަހަކަށް އަރާނެ އެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އެވެ.