27 Jun 2012, 13:43
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ލައިވް ކުރުމަށް ކޮމެޓީތަކުގައި ކެމެރާ ބަހައްޓައިގެން، ބްރޯޑްކާސްޓިން މިޑީޔާތަކަށް ކޮމެޓީ ލައިވް ފީޑެއް ދޫކުރަން އާންމު ކޮމެޓީއަށް ޕްރޮޕޯސަލެއް ހުށަހަޅައިފި އެވެ. މަޖިލީހުގެ ޓެކްނިކަލް ޓީމަކުން ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ވަނީ އާންމު ކޮމެޓީން ވަނީ ފަށާފަ އެވެ. އަދި އެ ޕްރޮޕޯސަލް ދިރާސާ ކުރުމަށްޓަކައި ސަބް ކޮމެޓީއެއް ވެސް އެކުލަވާލި އެވެ.
މައްސަލައާމެދު މަޝްވަރާ ކުރައްވަމުން މެންބަރުން ވިދާޅުވީ ކޮމެޓީ ލައިވް ކުރުމަށްޓަކައި ހުރިހާ ކޮމެޓީތަކަށް ކޭބަލް އަޅައި، ކެމެރާ ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ލައިވް ކުރަން ޖެހޭނީ މަދު ފަހަރެއްގައި ކަމަށް ވާތީ، ކޮމެޓީ ރޫމްތަކުގެ ތެރެއިން ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ލައިވް ކުރާ ކޮމެޓީތަކުގެ ބައްދަލުވުންތައް އެ ރޫމްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެއީ ކޮމެޓީ ރޫމް އެކެކެވެ.
"ހުރިހާ ރޫމަކަށް ކޭބަލްއަޅައި ކެމެރާ ބެހެއްޓުމުގެ ބޭނުމެއް ނެތް. މަދު ފަހަރެއްގައި ކޮމެޓީއެއް ލައިވް ކުރަންޖެހެނީ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން ކޮމެޓީ ރޫމް އެކެއް އެކަނި ލައިވް ކުރާ ގޮތަށް، އެ ރޫމްގައި އެ އިންތިޒާމް ހަމަޖައްސަން،" ތަސްމީން ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ އާ އިމާރާތް އަޅަމުންދާ ދަނޑިވަޅެއްގައި މިހާރު ހުރި ހުރިހާ ކޮމެޓީތަކުގައި ކޭބަލް އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ތަސްމީން ހުށަހެޅުއްވި ގޮތަށް އެއްމެ ރޫމެއް ލައިވް ކުރުމަށް ހާއްސަ ކުރުމަށް އިބޫ ވިދާޅުވި އެވެ.
މަޖިލީހުގެ ޓެކްނިކަލް ޓީމަކުން އާންމު ކޮމެޓީއަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައިވާ ގޮތުން ހުރިހާ ކޮމެޓީ ރޫމްތަކުގައި ކެމެރާއާއި ކޭބަލް ބަހައްޓައިގެން ލައިވް ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާތަކަށް އެ ލައިވް ފީޑު ދޫކުރާ ނިޒާމް މަޖިލީހުގައި ގާއިމް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތައް ލައިވް ކުރުމަށްޓަކައި ވެސް ލައިވް ފީޑު ބްރޯޑްކާސްޓިން މީޑިއާތަކަށް މަޖިލީހުން ދޫކުރަމުން ގެންދެ އެވެ.