09 Sep 2024, 22:49
އެޕަލް ކުންފުނިން އެންމެ ފަހުގެ ސްމާޓް ވޮޗް ކަމުގައިވާ އެޕަލް ވޮޗް ސީރީޒް 10 ތަޢާރަފުކޮށްފިއެވެ.
މި އައު ވޮޗަކީ މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ތުނި އަދި އެންމެ ބޮޑު ސްކްރީން ހުރި ވޮޗް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ އެޕަލްގެ ބޮޑު އިވެންޓްގައި ވާހަކަ ދައްކަވަމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، ސީރީޒް 10 އަކީ އެޕަލް ވޮޗްގައި ކުރިން ތަޢާރަފުކޮށްފައިވާ އެޑްވާންސްޑް ޓެކްނޮލޮޖީތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް ބޭނުންތެރި ގޮތަކަށް ތައްޔާރުކޮށްފައިވާ ވޮޗެއް ކަމަށެވެ.
އެ އިވެންޓްގައި އެޕަލްގެ ސީއޯއޯ ޖެފް ވިލިއަމްސް ވިދާޅުވި ގޮތުގައި ސީރީޒް 10ގައި ހުންނާނީ މިހާތަނަށް އެޕަލްއިން ތައްޔާރުކުރި އެންމެ ބޮޑު ސްކްރީނެވެ. އެޕަލް ވޮޗް އަލްޓްރާއަށް ވުރެ ވެސް ބޮޑު ސްކްރީނެއް ހުންނާނެ ކަމަށާއި، ސްކްރީނުގެ ސައިޒް 30 އިންސައްތަ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެސެޖް، މެއިލް އަދި ނިއުސް އިތުރަށް ފެންނާނެ ކަމަށާއި، ސްކްރީނާއި ކޭސް ވަނީ ވަށްކޮށް ފަރުމާކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޕަލް ވޮޗް ސީރީޒް 10: މި ފޯނުން ސްލީޕް އެޕްނިއާ ޑިޓެކްޓް ކުރެވޭނެ --
ސީރީޒް 10ގެ ސްކްރީންގެ 40 އިންސައްތަ އަލިކަން ގަދަވެފައިވާ ކަމަށާއި، އޯލްވޭޒް އޮން މޯޑްގައި ހުންނައިރު ކޮންމެ ސިކުންތަކުން އެއްފަހަރު އަޕްޑޭޓްވާނެ ކަމަށް ވިލިއަމްސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޖެޓް ބްލެކް، ރޯޒް ގޯލްޑް އަދި ސިލްވާ އެލުމިނިއަމް ކުލަތަކުން ވޮޗް ލިބެން ހުންނާނެ ކަމަށާއި، މި ވޮޗްތަކުގެ ބަރުދަން ކުރީގެ ޖެނެރޭޝަންތަކާ އަޅައިބަލާއިރު 10 އިންސައްތަ ލުއިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޕަލް ވޮޗް ސީރީޒް 10 ގެ އިތުރު ފީޗާތަކުގެ ތެރޭގައި 50 މީޓަރުގެ ފުންމިނަށް ފެނުގައި ބޭނުންކުރެވުމާއި، 30 މިނެޓުގެ ތެރޭގައި 80 އިންސައްތައަށް ޗާޖުވުން ހިމެނެއެވެ. އަދި ކާބަން ނިއުޓްރަލް ޓައިޓޭނިއަމް ފިނިޝްގެ އޮޕްޝަނެއްވެސް ލިބެން ހުންނާނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.
އެޕަލް ވޮޗް 10ގެ އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ، ނިދުމުގެ މައްސަލަތައް ކުރިމަތިކުރުވާ ބައްޔެއް ކަމަށްވާ ސްލީޕް އެޕްނިއާ ހުންނަކަން ޑިޓެކްޓް ކުރެވުމެވެ. އެގޮތުން މި ވޮޗްއިން, މީހާ ނިދާފައި އޮންނައިރު ނޭވާލުމަށް އަންނަ ބަދަލުތައް ދެނެގަނެ، އެޕްނިއާ ހުންނަ ކަމަށް ޝައްކު ކުރެވޭނަމަ ޑޮކްޓަރަށް ދައްކަން އިރުޝާދު ދޭނެއެވެ.
އެޕަލް ވޮޗް 10 ވަނީ ޕްރީއޯޑަރަށް ހުޅުވާލާފައެވެ. ފެށޭ އަކީ 399 ޑޮލަރަށް ކަމަށްވާއިރު، މި ވޮޗްގެ ސެލިއުލާ ވާޝަން ލިބޭނީ 499 ޑޮލަރަށެވެ.