މާލޭގެ ސޯސަން މަގުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސިފައިން 'ސަން'އަށް ބުނީ، ހެންވޭރު ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 14:47 ގައެވެ.

މީސްމީޑިއާގައި އަންނަނީ އަލިފާނުގެ ހާދިސާގެ ވީޑިއޯތައް ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ތަނުގައި ހިންގަނީ 'ގާމަގު ކެފޭ' ކިޔާ ކެފޭއެކެވެ.

ކެފޭއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިފައިން ކުރަނީ -- ސަން ފޮޓޯ/ އަމަން ލަތީފް

އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިން ބުނި ގޮތުގައި ފުލުހުންނާއި ސިފައިން ގުޅިގެން އެ އިމާރާތާއި އެ ތަން ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރަން ގިނަ ވަގުތުތަކެއް ނެގިއިރު ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ނޫސްވެރިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާ ހުލިވެފައެވެ.

އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: އަލިފާންގަނޑު އިތުރަށް ނުފެތުރޭނެކަން ކަށަވަރުކޮށްފައިވާ ކަމަށް ސިފައިން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިން ކިޔައިދިން ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އުޅުއްވާ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އޮފިސަރަކު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވީ، އަލިފާންގަނޑު އިތުރަށް ނުފެތުރޭނެކަން މިހާރު ޔަގީންކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެގެން އުޅޭކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެ އޮފިސަރު ވިދާޅުވިއެވެ.