ކޯޓު ހިންހިނެވުމުގައި ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އަމަލު ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް އެދި އެ ކޯޓުގެ ހަތް ފަނޑިޔާރަކު ސޮއި ކުރައްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނަނީީ ކޯޓުތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެވިގެން ނިންމާފައިވާ ބޮޑެތި ބައެއް ކަންކަން ފަނޑިޔާރުންގެ އާންމު މަޖިލީހުން ފާސްކުރުމެއް ނެތި އަމިއްލަފުޅަށް ޝަރީފް ބަދަލުގެންނަވާފައި ވާކަމަށެވެ. އަދި އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވާނެ ފަނޑިޔާރުން ކަނޑައެޅުމުގައި ގާނޫނާއި ޚިލާފަށް އަމަލު ކުރައްވާފައި ވާކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނަނީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވާނެ ފަނޑިޔާރުންގެ މަޖިލީސްތައް އެކުލަވާލުމާއި އެ މަޖިލީސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން ކަނޑައެޅުމަކީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައި ވަކަމަށެވެ. އަދި ބުނަނީ އެގޮތަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވިޔަސް އިސްފަނޑިޔާރުގެ އެ މަސްއޫލިއްޔަތު ތަކަކީ އިސްފަނޑިޔާރު ބޭނުންފުޅުވާހާ ގޮތަކަށް އަދާކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވާ މަސްއޫލިއްޔަތެއް ނޫންކަމަށެވެ.

ސިޓީގައި ޝަރީފް އިސްފަނޑިޔާރު ކަމާއި ހަވާލުވެވަޑައިގެތްތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އާންމު މަޖިލީހުން ކަނޑައަޅާފައިވާ މައްސަލަތައް ކޯޓުގެ އިދާރީ ހިންގުމާ ބެހޭ ގަވާއިދުގައި ހިމަނާފައި ނުވާކަމަށް ވެސް ބުނެ އެވެ.

އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ކޯޓަށް ބަލައިގަތުމަށް ރަޖިސްޓްރާ ނިންމެވުމުން ވެސް އެ މައްސަލަތައް ފަނޑިޔާރުންނާއި ހަވާލު ކުރައްވަނީ ގިނަ ދުވަސްތަކެއް ފަހުން ކަމަށާއި މައްސަލަ ބައްލަވާ ފަނޑިޔާރުން ކަނޑައަޅުއްވާ އުސޫލެއް ހާމަކުރައްވާފައި ނެތްކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ފިޔަވައި އަނެއް ދެ ފަނޑިޔާރުން ކަނޑައެޅުއްވުމަށް ފަހު މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަށް ވެސް ނޭނގި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ސިޓީގައި ބުނަނީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވާނެ ފަނޑިޔާރުން ކަނޑައެޅުއްވުމުގައި ފަނޑިޔާރުންގެ މެދުގައި ތަފާތު ކުރެއްވުމެއް ޝަރީފް ގެންގުޅުއްވާކަމަށެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް އަމިއްލަފުޅު ސެކްޝަނަށް ނުނަންގަވާ އަނެއް އަށް ފަނޑިޔާރުންގެ މެދުގައި މައްސަލަތައް ބައްސަވަމުން ގެންދަވަނީ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ނިންމެވުމެއް ނެތި އަދި އެކަން އެގޮތަށް ކުރެއްވުމުގެ ގާނޫނީ ބާރެއް ނެތިކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ފަނޑިޔާާރުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތައް ފަނޑިޔާރުންނާއި މަޝްވަރާ ނުކުރައްވާ އަމިއްލަ ފުޅަށް ބަދަލު ކުރައްވާކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަކަ ކުރައްވާފައެވެ.

އެ ސިޓީ ނިންމަވާލައްވަމުން ބުނެފައި ވަނީ އެފަދަ ކަންތައްތައް އިސްލާހު ނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ހައިކޯޓުގައި އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސްތަކެއް އެޅި އާންމުންގެ މެދުގައި އެ ކޯޓާއި މެދު އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭތީ އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅައިދިނުމަށް ދަންނަވާކަމަށެވެ.