ޑިޖިޓަލައިޒޭޝަނަކީ ރާއްޖޭގެ ގައުމީ ތަޞައްވުރުގެ މުހިންމު އެއް އަސާސްކަމަށާއި ކޮންމެ ދިވެއްސަކަށް ވެސް ހަމަހަމަކަމާއެކު ވަސީލަތްތައް ލިބޭކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސަމިޓް އޮފް ދި ފިއުޗާގެ ސައިޑް އިވެންޓުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވިދާޅުވީ ރާއްޖެއަކީ ދިމާވާ ދަތިކަމަކުން އަރައިގަނެ ކުރިން ހުރި ހާލަތަށް ރުޖޫއަވުމުގެ ގާބިލުކަން ދައްކަމުން އަންނަ ގައުމެއްކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އުންމީދުތައް ބޮޑު ގައުމެއްކަމަށް ވިދާޅުވިއެވެ.

އަދި ޑިޖިޓަލައިޒޭޝަނަކީ، އަަބަދުވެސް ތަރައްގީވެ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ދެމިތިބުމަށް އެންމެ މުހިންމު އެއް ވަސީލަތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ މި ބަދަލަށް މަރުހަބާ ކިޔައި، މި ބަދަލު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ވަގުތު. ޑިޖިޓަލައިޒޭޝަނަކީ ހަމައެކަނި ވަސީލަތެއް ނޫން. މިއީ މިއަށްވުރެ މާ އުޖާލާ ދެމެހެއްޓެނިވި މުސްތަގްބަލެއް ހޯދުމުގެ ތަޅުދަނޑި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނަކީ ރާއްޖޭގެ ގައުމީ ތަޞައްވުރުގެ މުހިންމު އެއް އަސާސްކަމަށެވެ. ޑިޖިޓަލް ވަސީލަތްތައް "އިނގިލި ކުރީ"ގައި ލިބެން އޮތް ޒަމާނެއްގައި، ކޮންމެ ދިވެއްސަކަށް ވެސް، ކުރިއަރަން ބޭނުންވާ ވަސީލްތައް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަނީ ޒުވާނުންނަށް ޑިޖިޓަލް އިކޮނޮމީ އެއްގައި ކާމިޔާބު ހޯދަން ބޭނުންވާނެ ހުނަރުތައް ދަސްކޮށްދެމުން. ހަމައެއާއެކު އަޅުގަނޑުމެން މި އަންނަނީ، މުޖުތަމައުގެ މައިބަދަކަމަށްވާ އަންހެނުންނަށް ވެސް މި ފުރުސަތުތައް ހަމަހަމަކަމާއެކު ލިބޭތޯ ކަށަވަރުކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށެވެ. އެހެންވެ އެއީ، ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަށް އެ މަނިކުފާނު ނިންމެވި އެންމެ ބޮޑު ސަބަބަކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެ ބޭންކުން މަސައްކަތްކުރާނީ ޑިޖިޓަލް އެކި އީޖާދީ މަޝްރޫއުތަކަށާއި، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އިގްތިޞާދީ އަދި އިޖްތިމާއީ މަޝްރޫއުތަކަށް ފައިނޭންސިން ހަމަޖައްސަން ކަމަށް ވިދާޅުވިއެވެ.

"ހަމައެއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިނޮވޭޝަން ހަބްތަކާއި، ޓެކްނޮލޮޖީ ޕާކުތައް ތަރައްގީކުރުމަށް، އަޅުގަނޑުމެން މި އަންނަނީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވައިލަމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނާއެކު ކުރިމަތިވާ ސައިބަ ސެކިއުރިޓީ މައްސަލަތަކާއި ޒާތީ މައުލޫމާތު ލީކުވުމާއި، ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަން ހުއްޓުވުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަދި ރާއްޖެއިން އޮތީ މިފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުއާއެކު މަސައްކަތް ކުރަން ތައްޔާރަށްކަމަށް ވެސް ވިދާޅުވިއެވެ.