27 Jun 2012, 13:19
ސިފައިން ދިރިއުޅެން ދޫކޮށްފައިވާ ބަނޑޭރިކޮއްޓާއި ވިލިނމާލޭ ފްލެޓްތަކުގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ މީހުން އެތަނުން ނެރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންގައިފި އެވެ.
ބަނޑޭރިކޮށްޓާއި ވިލިމާލޭ ފްލެޓްތަކުގެ މައްސަލަ ޑިފެންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފެންމަތިވިއިރު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވައިފައިވާ ގޮތުގައި ސިފައިންގެ ފްލެޓް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ބަޔަކު އެ ތަންތައް ކުއްޔަން ހިފައިންގެ ދިރިއުޅެމުންދާ އިރު ސިފައިންގެ ތެރެއިން އެގްރިމެންޓް ހަމަވެފައިވާ މީހުންނާއި ސިފައިންގެ ވަޒީފާގައި ނޫޅޭ މީހުން ވެސް އެ ތަންތަނުގައި އާއިލާއާ އެކު ދިރިއުޅެމުން ގެންދެ އެވެ.
އެ މައްސަލައިގައި ޑިފެންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ޖަވާބު ކޮމެޓިއަށް އިއްވަވަމުން ނާޒިމް މިއަދު ވިދާޅުވީ އެ ތަންތަނުގައި ގަވާއިދާއި ހިލާފަށް ދިރިއުޅޭ މީހުން އެތަންތަނުން ނެރެން ނިންމާ އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ފްލެޓްތަކުގެ މައްސަލައިގައި އެބޭފުޅުން ވިދާޅުވެފައި މި އޮންނަނީ އެތަންތަނުން އެމީހުން ނެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކާއި ބަނޑޭރިކޮށީގައި ގަވާއިދާއި ހިލާފަށް އުޅެނީ ކޮންބައެއްކަން ސާފުކުރައްވާނެ ކަމަށެވެ.
"އެތަންތަނުގައި ގަވާއިދާއި ހިލާފަށް އުޅެނީ ކޮންބައެއްކަން ކޮމެޓީން ބަލަންޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.
ސިފައިންގެ ފްލެޓްތަކުގައި އުޅެން ނުޖެހޭ މީހުން ނެރެން މަސައްކަތް ކުރާކަން މާލިއްޔަތު ކޮމެޓީއަށް ޑިފެންސުން އެންގިއިރު އެ މިނިސްޓްރީން މީގެ ކުރިން އޮޑިޓާ ޖެނެރަލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފުލެޓްތަކުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ މީހުން އެތަންތަނުން ނެރުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ތަންތަނުން ނުކުތުމަށް އެތަނުގެ އުޅެމުން އަންނަ މީހުން އިންކާރުކުރާހާ ހިނދަކު އެތަންތައް ހުސްކުރެވެން ވެސް ނެތް ކަމަށެވެ. އަދި އެ މީހުންގެ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް، އެ މައްސަލަތައް ދިގުލައިގެން ދިއުން އެކަށީގެންވާ ކަމަށްވެސް އެ ސީޓިގައިވެ އެވެ.
ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެތަންތަނުގައި ކޮންޓްރެކްޓްކޮށްފައިވާ މީހުން ނޫން މީހުން ދިރިއުޅެން އެތަންތައް ކުއްޔަށް ދޫކުރުމަކީ ސިފައިންގެ އާންމު ގަވާއިދާއިވެސް ހިލާފުކަމެއް ކަމަށެވެ.
"... ސިފައިންގެ ގަވާއިދުތަކާއި ހިލާފަށް ފްލެޓް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފްލެޓްހޯދައި އެފަދަ ބޯހިޔާވަހިކަން އެންމެ ހައްގުވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރަން ދަންނަވަމެވެ،" އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާދެއްވައިފައިވެ އެވެ.
މިއަދުގެ ކޮމެޓީ ނިންމާލެއްވީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ މެދު މަޝްވަރާކުރުމަށް ދެން ބާއްވާ ކޮމެޓީއެއްގައި އޮޑިޓާ ޖެނެރަލް އޮފީހުގެ އޮޑިޓް މެނޭޖަރަކު ބައިވެރިކުރާގޮތަށް މެންބަރުންގެ އެދުމުގެ މަތިން އެގޮތަށް ރިޔާސަތުން ނިންމުމަށްފަހު އެވެ.