ދިވެހި ފިރިހެނަކަށް ކޮޓަރިއަށް ދާން ދައުވަތު ދިނުމަށްފަހު، އޭނާ ދިއުމުން އޭނާ ފޭރިގަތް މައްސަަލައިގެ ތުހުމަތުގައި, ކުރިން ހައްޔަރުކުރި އަންހެން މީހާގެ ފިރިހެން ބައިވެރިޔާ ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.

މިއީ ގެސްޓްހައުސްއަކަށް މީހަކު ވައްދައި، ރަހީނުކޮށް، ވަޅިން ބިރުދައްކައިގެން 53،000 ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ބަންދުކުރި މީހެކެވެ. މި މައްސަލައިގައި ބަންދުކޮށްފައިވަނީ މާލެ، މއ. ފަޒާގޭ އުމުރުން 41 އަހަރުގެ އިކްލީލް އިބްރާހީމެވެ.

ކޯޓު އަމުރުގައިވާ ގޮތުން އިކްލީލް ވަނީ، އޭނާ ފަޒާ ކިޔާ ގެއެއްގައި ދިރިއުޅުނު ނަމަވެސް ބްރެއިން ޓިއުމަރެއްގެ މައްސަލައިގައި އައިޖީއެމްއެޗްއަށް ދައްކަން ޖެހޭތީ، އެތާ ކައިރިން ކޮޓަރިއެއް ނަގައިގެން ކުއްޔަށް ހުރީ ކަމަށް ބުނެފައެވެ. އަދި އޭނާގެ ކޮޓަރިއަށް އިތުރު މީހުން އަންނަ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އިކްލީލާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތަކާއެކު، ހަށިގަތުމަށް ގުޅާ މީހުންނަށް ބިރުދައްކައި ފައިސާ ފޭރިގަނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު މީހާއާ ހަވާލާދީ، އަމުރުގައި ބުނެފައިވަނީ ފޭރިގަތް ފައިސާ ޖަމާކޮށްފައިވަނީ އިކްލީލްގެ ނަމުގައިވާ އިސްލާމިކް ބޭންކު އެކައުންޓަކަށް ކަމަށެވެ.

މީގެ އިތުރުން މިދިޔަ އޮގަސްޓް މަހާއި ސެޕްޓެންބަރު މަހުގެ އެ ހައިތަނަށް އެ ފަދަ ހަ މައްސަލައެއް ހިނގާފައިވާ ކަމަށް އިންޓެލް ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ފޭރުމާއި މަކަރާ ހީލަތް ހެދުމުގެ އިތުރުން ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭ ކަމުގެ ރިކޯޑު އޮތް މީހެކެވެ.

މިދިޔަ މަހުގެ 26ވަަނަ ދުވަހުގެ ރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، އޭނާ އެތަނަށް ދިއުމުން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު އަތުލައި، އޭނާގެ އެކައުންޓުން ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ޒުވާން އަންހެނަކު ވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ. އެ އަންހެން މީހާ ވެސް ބަންދުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ.