ބަރަހަނާ މަންޒަރު އަޅާ 571 ޗެނަލް ފުލުހުން ހިފަހައްޓައިފައިވާއިރު އެ ޗެނަލްތަަކަށް ތިން ހާހަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށް، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެފަދަ މަންޒަރު ބަލަން ދައްކައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭގައި ހިންގި އޮޕަރޭޝަނަކުން ވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ބަންދުކޮށްފައެވެ.

މި ޗެނަލްތަކުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން، އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ވެސް ބުންޏެވެ.

ހަމައެއާއެކު މިދިޔަ މަހު މި މައްސަަލައިގެ ތުހުމަތުގައި ތިން މީހަކު މިދިޔަ މަހު ހައްޔަރުކުރިއިރު، 571 ޗެނަލްގެ ތެރެއިން ނުވަ ޗެނަލަކީ އެ މީހުން ހިންގި ޗެނަލްތައްކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ.

އެއާއެކު ފުލުހުން ބުނީ މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34,680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ބުންޏެވެ.

ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މީގެ ކުރިން ވެސް ވަނީ މިފަދަ ބައެއް ޗެނަލްތައް ބަންދުކޮށްފައެވެ.

އެއާއެކު ފުލުހުން ވަނީ މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް ޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް އިލްތިމާސްކޮށްފައެވެ.