27 Jun 2012, 12:50
އެޕޯލޯ ހޯލްޑިންގްސް އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އެސްޓީއޯގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އާދީއްތަ ދުވަހު އެގޮތަށް ހުކުމް ކުރީ އެސްޓީއޯގެ އެޖެންޓް ކަމުގެ ދަށުން 2004 ވަނަ އަހަރު ރާއްޖެ އައި އިންޑޮނޭޝިޔާގެ ބޯޓެއްގައި ހުރި ހިލައާއި ހިލަވެލި ތިލަފުއްޓަށް ބާލަން އެ ބޯޓު ތިލަފުއްޓަށް ކައިރި ކުރުމުގައި އެޕޯލޯގެ ޖެޓީގައި އެ ބޯޓު ޖެހި ޖެޓީގެ ބޮޑު ބައެއް ހަލާކުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ގެއްލުމުގެ ބަދަލުގެ ޒިންމާ އެސްޓީއޯ އިން ނަގަން ނުޖެހޭނެ ކަމަށް ކުރި ހުކުމް އެ ކުންފުނިން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.
ޖެޓީގެ ބޮޑު ބައެއް ހަލާކުވުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެސްޓީއޯގެ ފަރާތުން ނަގައިދިނުމަށް އެޕޯލޯ އިން އެދިފައި ވަނީ 96،344.86 ޑޮލަރެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުގެ އެޖޭންޓުކަން ކުރުމަށް ކަސްޓަމްސްގައި ލޯކަލް ޝިޕިން އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ ކުންފުންޏެއްގެ އެޖެންޓު ކަމުގެ ދަށުން ރާއްޖެ އަންނަ އުޅަނދު ފަހަރަށް ދިމާވާ ހުރިހާ މައްސަލަ ތަކުގައި ޒިންމާ އުފުލަން ޖެހޭނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ ކަސްޓަމްސްގެ ލޯކަލް ޝިފިންގައި އިންޑޮނޭޝިޔާގެ އެ އުޅަނދު ރަޖިސްޓްރީ ކުރި އިރު ގެއްލުމަށް ޒިންމާވާން ޖެހޭނެ ކަމުގެ ލިޔުން އެސްޓީއޯ އިން ހުށަހަޅާފައިވާތީ އެޕޯލޯގެ ޖެޓީގައި ބޯޓު ޖެހުމުން ލިބުނު ގެއްލުންތަކަށް އެސްޓީއޯ އިން ޒިންމާވާން ޖެހޭނެ ކަމަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބަލަން ޖެހޭ ކަމަށެވެ.