އިންޑިއާގައި މަކުނު ވިދުރި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މަކުނު ވިދުރި ޖެހިފައިވާ ކަމަށް ބެލެވޭ ޒުވާން ފިރިހެން މީހާއަކީ އެ ބަލި ފެތުރެމުން އަންނަ ގައުމަކަށް މިފަހުން ދަތުރު ކުރުމަށް ފަހު އެނބުރި އައި މީހެކެވެ. އެ މީހާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، އެކަހެރި ކޮށްފައިވާ މީހާގެ ޓެސްޓުތަކާއި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށާއި ބަލި ނުފެތުރޭނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.

ފަސޭހައިން ގައިންގަޔަށް އަރާ މަކުނު ވިދުރި ވޭރިއެންޓެއް މިހާރު ފެތުރެމުން އަންނައިރު، އިންޑިއާއިން ފެނުނު ކަމަށް ބެލެވެނީ ކޮން ވޭރިއެންޓެއް ކަމަށް އެ ގައުމުން ނުބުނެއެވެ. އެގައުމުން މީގެ ކުރިން މަކުނު ވިދުރީގެ އެހެން ވޭރިއެންޓެއްގެ ކޭސްތައް ފެނިފައިވެއެވެ.

އެފްރިކާ ސަރަހައްދުގައި ފުރަތަމަ ފެތުރެން ފެށި މަކުނު ވިދުރީގެ އާ ވޭރިއެންޓްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ މަހު ސިއްހީ ކުއްލި ހާލަތެއް އިއުލާންކުރިއެވެ. އޭގެ ފަހުން އެހެން ބައްރުތަކުން ފެނިފައިވާ މަކުނު ވިދުރީގެ ކޭސްތައް އާ ވޭރިއެންޓަށް ޓެސްޓު ކުރަމުން އަންނައިރު، އޭޝިއާއިން އާ ވޭރިއެންޓްގެ ކޭސްއެއް ކަމަށް ފުރަތަމަ ކަށަވަރު ކުރެވުނީ ތައިލެންޑުގައެވެ.

މަކުނުވިދުރީގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުންނެވެ. ނަމަވެސް އެހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

އެގޮތުން، ބަލި ޖެހިފައި ހުންނަ މީހާގެ ހަމުގައި ހުންނަ ބިހިތަކުން ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓުފަދަ ތަކެތީގައި ޖެހުމުން ބަލި ފެތުރެއެވެ. އަދި، ނޭވާލާ ނިޒާމުގެ ޒަރީއާއިންނާއި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.