މިރޭ ނެރޭ، އެޕަލްގެ އައު އައިފޯނުގައި، ސޮފްޓްބޭންކް މިލްކުވެރިކަމުގެ ދަށުގައިވާ އާމް ކުންފުނީގެ އެންމެ ފަހުގެ ވީ9 ޗިޕް ޑިޒައިން ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ އޭ18 ޗިޕް ހިމެނޭނެ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފިއެވެ.

މި އައު އައިފޯނު ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައެވެ. މި އިވެންޓުގައި އައު އައިފޯނުގެ އިތުރުން އެހެނިހެން ޑިވައިސްތަކާއި އެޕްތަކަށް ގެނެވޭ އައު ބަދަލުތައް ވެސް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

އެޕަލްއާއި އާމްއާ ދެމެދު 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެވުނު އެއްބަސްވުމެއްގެ ދަށުން، 2040 ވަނަ އަހަރަށްވުރެ ދިގު މުއްދަތަކަށް ދެ ކުންފުނި އެކުގައި މަސައްކަތް ކުރާނެއެވެ. މި އެއްބަސްވުމަކީ އާމްގެ ޗިޕް ޓެކްނޮލޮޖީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

އާމްގެ ވީ9 ޗިޕަކީ ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ 50 އިންސައްތައިގައި ބޭނުންކުރެވޭ ޗިޕެކެވެ. އާމްއަކީ ދުނިޔޭގެ ގިނަ ސްމާޓްފޯނުތަކުގައި ބޭނުންކުރާ ކޮމްޕިއުޓިން އާކިޓެކްޗާގެ އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ވެރިފަރާތެވެ. އެޕަލްއިން އައިފޯނާއި، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތައް ފަރުމާކުރުމުގައި އާމްގެ ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

އެޕަލްއާއި އާމްއާ ދެމެދު ގުޅުން އޮތީ ވަރަށް ކުރީއްސުރެއެވެ.

މީގެ 31 އަހަރު ކުރިން 1993 ގައި އެޕަލްއިން ނެރުނު "ނިއުޓަން" ހޭންޑްހެލްޑް ކޮމްޕިއުޓަރުގައި ވެސް ބޭނުންކޮށްފައިވަނީ އާމްގެ ޕްރޮސެސާ ޗިޕެކެވެ.

ނިއުޓަން ފޭލްވެފައިވީ ނަމަވެސް، އާމްގެ ޗިޕްތައް މިހާރު ވަނީ މޯބައިލް ފޯނު ދާއިރާގައި ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ އާމްގެ ޗިޕްތަކުން ބެޓެރީގެ ބޭނުން ކުޑަވުމެވެ.