މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ޖުވާ ކުޅެން ތިބި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި ދުވަސްވަރު މާލެތެރޭގައި ކުރާ ވައްކަންތަކާއި ފޭރުމުގައި ބައިވެރިވާ ކަމަށް ބެލެވޭ ބަޔަކު މ. އަމީރާ މަންޒިލްގައި ޖުވާކުޅެން ތިބި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ރޭ މެންދަމު 2:15 އެހާކަންހާއިރު ފުލުހުން އެ ގެއަށް ވަދެފައިވާ ކަމަށެވެ. އަދި އެގެ ފާސް ކޮށް ޖުވާކުޅެންތިބި އެ 12 ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ އެވްރެޖް އުމުރަކީ 19 އަހަރާއި 30 އަހަރެވެ. އެ މީހުގެ ތަފުސީލެއް ނުދެ އެވެ.

ފުލުހުން ބުނީ އެގެ ބަލާ ފާސްކުރި އިރު އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ޕެކެޓާއި ޖުވާ ކުޅުމުގައި އެމީހުން ބޭނުންކުރި ޗިޕް ސެޓަކާއި 24193ރ. ފެނުނު ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ ބައެއް ރެސްޓޯރަންޓް ތަކާއި ކެފޭ ތަކުގައި ޖުވާ ކުޅުނު މައްސަލަތަކެއް ފެންމަތިވެފަ އެވެ. އަދި ބައެއް ރެސްޓޯރަންޓް ތަކުގައި ތާސްބައި ބޭނުންކޮށްގެންނާއި ޖުވާ ކުޅުމަކީ މަނާކަމެއް ކަމަށް އަންގާ އިއުލާން ތައް ހަރުކޮށްފައި ހުރެ އެވެ.