08 Sep 2024, 21:10
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި، ވަޒީފާ ދޭ ފަރާތްތަކުން ހޯމް މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް މުރާޖައާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭނެ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ބަދަލުތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
އަދި އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާ ގުޅިގެން މިނިސްޓްރީން ދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާ ދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ގޮތަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން ހުށަހެޅުމުގައި ބަދަލުތައް ގެނައި ލިޔެކިޔުންތަކަކީ:
ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓާކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް (ކޮންސްޓްރަކްޝަން)
- ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓާކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް
- ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވޯކް ސައިޓްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރު
- ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް/ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވޯކް ސައިޓްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރު
- އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވޯކް ސައިޓްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރު
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ވޯކް ސައިޓް ޑިކްލެރޭޝަން ފޯމަށް ވެސް ބަދަލު ގެނެސްފައިވެއެވެ.
ހޯމް މިނިސްޓްރީން ބުނީ މި ފޯމު ހުށަހަޅަންޖެހޭ ހާލަތްތަކާއި، ފޯމު ފުރާނެ ގޮތާއި، ފޯމު ފުރާއިރު ފާހަގަކުރެވޭ އާންމު މައްސަލަތާކާ ބެހޭ ގޮތުން ބޭނުންވާ ހުރިހާ މައުލޫމާތު ކޮންމެ ފޯމެއްގެ ފަހަތުގައިވާ "ހެލްޕް ޕޭޖް" އިން ލިބޭނެ ކަމަށެވެ.
އަދި މި ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އެ މިނިސްޓްރީން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި އެ މިނިސްޓްރީއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ފޯމުތައް ހުށަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް، ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު. މި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކުރިކަމުގެ ސެޓްފިކެޓް ހުށަހަޅަންވާނެ،ހޯމް މިނިސްޓްރީގެ އިއުލާނު
މިނިސްޓްރީން ބުނީ އަންނަ މަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވޯކް ސައިޓް ރަޖިސްޓާކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
މީގެ އިތުރުން، ބިދޭސީން މަސައްކަތަށް ރާއްޖެ ގެންނަން އެދި ވަޒީފާ ދޭ ފަރާތްތަކުން ހޯމް މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ވެސް ވަނީ މުރާޖާކޮށްފައެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމްގައި މުއާމަލާތް ކުރުމަށް 'ރެޕްރެޒެންޓޭޓިވް'އެއް އައްޔަން ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށް ވަނީ ބަދަލުގެނެސްފައެވެ.
މިނިސްޓްރީން ބުނީ، އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމަށް ރެޕްރެޒެންޓޭޓިވްއެއް އައްޔަން ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި މިމަހުގެ 16އިން ފެށިގެން ހުށަހަޅަން ވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
އެ ފޯމުތައް ފުރިހަމަ ނުކުރާނަމަ އެޕްލިކޭޝަން ފުރިހަމަ ނުވާކަމަށް ނިންމާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.