08 Sep 2024, 21:51
ސެމްސަންގް ކުންފުނިން އެންމެ ފަހުގެ ވަން ޔޫއައި 6.1.1 އަޕްޑޭޓް ދޫކުރަން ފަށައިފިއެވެ.
މި އަޕްޑޭޓަކީ ގެލެކްސީ އެސް 24 ސީރީޒްއާއި އޭގެ ކުރީގެ މޮޑެލްތަކަށް ގެނެވޭ މުހިންމު އަޕްޑޭޓެކެވެ.
މި އަޕްޑޭޓާއެކު ގެލެކްސީ ޒީ ފޯލްޑް 6 އަދި ޒީ ފްލިޕް 6 އާއެކު ތަޢާރަފުކުރި އައު އޭއައި ފީޗާތަކެއް ތަޢާރަފުކޮށްފައިވެއެވެ. މިހާރު މި އަޕްޑޭޓް ދޫކުރަން ފަށާފައިވަނީ ދެކުނު ކޮރެއާގައެވެ. ނަމަވެސް މާދަމާއިން ފެށިގެން އުތުރު އެމެރިކާއާއި ޔޫރަޕްގައި މި އަޕްޑޭޓް ލިބެން ފަށާނެއެވެ. އަދި އެހެން ސަރަޙައްދުތަކަށް ކުރިއަށް އޮތް ހަފުތާތަކުގައި ލިބޭނެކަމަށް ބެލެވެއެވެ.
މި އަޕްޑޭޓް ލިބޭނެ ފޯނުތަކުގެ ތެރޭގައި ގެލެކްސީ އެސް 24 ސީރީޒް، ގެލެކްސީ އެސް 23 ސީރީޒް، ގެލެކްސީ އެސް 23 އެފްއީ، ގެލެކްސީ ޒީ ފޯލްޑް 5 އަދި ފްލިޕް 5، އަދި ގެލެކްސީ ޓެބް އެސް 9 ސީރީޒް ހިމެނެއެވެ.
މި އަޕްޑޭޓާއެކު ތަޢާރަފުކުރެވޭ އައު އޭއައި ފީޗާތަކުގެ ތެރޭގައި ޗެޓް އެސިސްޓް، ސަޖެސްޓް ރިޕްލައިޒް، ނޯޓް އެސިސްޓް، ޕީޑީއެފް އޯވަލޭ ޓްރާންސްލޭޝަން، ސްކެޗް ޓު އިމޭޖް، ސާކަލް ޓު ސާޗް، ޕޯޓްރެއިޓް ސްޓޫޑިއޯ އަދި އިންސްޓަންޓް ސްލޯ-މޯ ހިމެނެއެވެ.
މި އައު ފީޗާތަކުގެ ތެރެއިން ޗެޓް އެސިސްޓް އިން އީމެއިލްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ޑްރާފްޓްކުރުމަށް އެހީތެރިވެދޭނެއެވެ.
ސަޖެސްޓް ރިޕްލައިޒް އިން ގެލެކްސީ ވޮޗް 7 އަދި ވޮޗް އަލްޓްރާއާ ގުޅާލުމުން އަވަސް ޖަވާބުތައް ހުށަހަޅައިދޭނެއެވެ.
ނޯޓް އެސިސްޓް އިން އޯޑިއޯ ރެކޯޑްކޮށް، ޓްރާންސްކްރައިބްކޮށް، ޚުލާސާކޮށްދޭނެއެވެ.
ޕީޑީއެފް އޯވަލޭ ޓްރާންސްލޭޝަން އިން ޕީޑީއެފް ފައިލްތަކުގައިވާ ލިޔުންތައް ތަރުޖަމާކޮށްދޭނެއެވެ. އަދި ސްކެޗް ޓު އިމޭޖް އިން ކުރަހާ ކުރެހުމަކަށް ބިނާކޮށް އޭއައި އިން މުޅި މަންޒަރު އުފައްދައިދޭނެއެވެ.
މީގެ އިތުރުން، ސާކަލް ޓު ސާޗްއިން ސްކްރީނުގެ ބައެއްގައި ވަށްކޮށް ބޮޅެއް އަޅާލުމުން ގޫގުލްއިން އެ ބަޔާ ގުޅޭ ނަތީޖާތައް ހޯދައިދޭނެއެވެ.
ޕޯޓްރެއިޓް ސްޓޫޑިއޯ އިން ތަފާތު ސްޓައިލްތަކުގައި ފޮޓޯތައް އުފައްދައިދޭނެއެވެ. އަދި އިންސްޓަންޓް ސްލޯ-މޯ އިން ވީޑިއޯތައް ރަނގަޅު ކޮލިޓީއެއްގައި ސްލޯ މޯޝަންއަށް ބަދަލުކޮށްދޭނެއެވެ.