27 Jun 2012, 12:39
އިންތިގާލީ މަޖިލީހުން ވަކިކުރި އަށް މެންބަރުންގެ މުސާރަ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ މެންބަރުނަށް މުސާރަ ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން މަޖިލީހުގެ ބަޖެޓް ސެކްޝަނަށް އަންގައިފި އެވެ.
އިންތިގާލީ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރެއްވި އަށް މެންބަރުން ކުރީގެ ސަރުކާރުގައި ރައީސް ނަޝީދު ވަކިކުރެއްވި ނަމަވެސް އިންތިގާލީ މަޖިލިސް ދެމި އޮތް މުއްދަތުގައި އެ މެންބަރުންނަށް ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން މުސާރަ ދޭނެ ގޮތަކާމެދު ކޮމެޓީގައި މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ. ބައެއް މެންބަރުން ވިދާޅުވީ އެ އަށް މެންބަރުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް މަޖިލީހުގެ މިއަހަރުގެ ބަޖެޓްގައި ފައިސާ ކަނޑައެޅިފައި ނުވާ ކަމަށެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އެ މެންބަރުނަށް މުސާރަ ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރިގޮތަށް، މަޖިލީހުން ފައިސާ ދޫކުރަން ވާނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރާނީ މިއަހަރަށް މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓުންތޯ، ނުވަތަ ކޮންޓެންޖެންސީ ބަޖެޓެއް މަޖިލީހުން ފާސްކޮށްގެންތޯ ނިންމާނީ ބަޖެޓް ސެކްޝަނުން ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ކޯޓުން ހުކުމް ކުރި ގޮތަށް، ގާނޫނީ އުސޫލުތަކާއި ހަމަތަކުގެ މަތިން އެ މުސާރަ ދޫކުރުމަށް ފިނޭންސާ ބެހޭ ބަޔަށް އަންގަން އޭގެ ފަހުގައި އެ ސެކްޝަނުން ނިންމާނީ މިއަހަރުގެ [މަޖިލީހުގެ] ބަޖެޓުންތޯ ފައިސާ ދޫކުރާނީ. ނުވަތަ ކޮންޓެންޖެންސީ ބަޖެޓެއް ހުށަހަޅައިގެންތޯ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީންގެ ހުށަހެޅުމަށް ކޮމެޓީއަށް ހާޒިރުވި ހަތް މެންބަރުން ތާއީދު ކުރެއްވެވި އެވެ. އެ ހުށަހެޅުން ފާސްވުމާއެކު އިންތިގާލީ މަޖިލީހުން ވަކިކުރި އަށް މެންބަރުނަށް މުސާރަ ދިނުމަށް މަޖިލީހުގެ ބަޖެޓް ސެކްޝަނަށް ވަނީ އަންގާފަ އެވެ.
ވަކި ކުރި އަށް މެންބަރުންގެ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމް އިލްތިމާސްކޮށް ސުޕްރީމް ކޯޓަށް ވެއްދިތާ ދެ އަހަރު ފަހުން މާޗް 13، 2012ގައި ސްޕްރީމް ކޯޓުން ހުކުމް ކުރީ އިންތިގާލީ މަރުހަލާގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށް ގާނޫނު އަސާސީގެ 294 ވަނަ މާއްދާގައި ބުނާއިރު ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރަކީ މިނިވަން ތިން ބާރު ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ބާރެއްގެ ތެރެއަށް އަނެއް ބާރެއް ވަންނަ މިންވަރެއް ބާތިލް ވާނެ ކަމަށެވެ.
އެހެންވެ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކޮށް ވަކިކޮށް ހެދުމުގެ ބާރު ރައީސަށް ނޯންނާނެ ކަމަށް ވަނީ ހުކުމް ކުރައްވައިފަ އެވެ. އަދި އެކަން ކުރެވޭނެ ކަމަށް ތަސައްވުރުވާ އެއްވެސް ތަނެއް ވެސް ގާނޫނު އަސާސީގައި ނެތް ކަމަށް ވަނީ ހުކުމް ކުރައްވައިފަ އެވެ.