08 Sep 2024, 14:17
މިދިޔަ މަހު 29 ގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް އަތުހުރި މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިރޭ ޖަނާޒާ ބާއްވަން ނިންމައިފިއެވެ.
ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މި މަހު ދެވަނަ ދުވަހުއެވެ.
އެހެންވެ، އޭނާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަމްއަށް ފަހު އަތުހަރުގެ ހަށިގަނޑު މާލެ ގެންނަނީ މިރޭގެ ވަގުތެއްގައެވެ.
އެއަށް ފަހު މިރޭ 10:00 ގައި އޭނާގެ ޖަނާޒާ ބާއްވާނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އޭނާގެ ޖަނާޒާ އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތް (މަސްޖިދު ޒައިދުބިން ޘާބިތު)ގައެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އަތުހަރު ހުއްޓުވީ އޭނާގެ ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހުއެވެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.
އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށް ފަހު އޭނާ ދޫކޮށްލުމާ އެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި، އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.
އަތުހަރުގެ މަރުގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ތަހުގީގުކުރަމުންނެވެ.