08 Sep 2024, 15:56
ތެލްއަވީވު (9 ސެޕްޓެމްބަރު 2024) : އިސްރާއީލު ސިފައިންނާއި އޮފިސަރުން ހިމެނޭގޮތަށް އިސްރާއީލުގެ އަސްކަރީ ލަޝްކަރުގެ އެތަށް ސަތޭކަ ބަޔަކު އިސްތިއުފާ ދޭން ތައްޔާރުވަމުންދާކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "ޔަދިއޮތު އަހުރަނޮތު" ބުނެފިއެވެ.
އަސްކަރީ މަސްދަރަކާ ހަވާލާދީ މި ނޫހުން ބުނާގޮތުން ޣައްޒާގައި އިސްރާއީލުން ކުރާ ހަނގުރާމަ ދިގުލައިގެންދިޔުމާއި ލުބްނާނުގެ ހިޒްބުﷲ އާ ދެކޮޅަށްކުރާ ހަނގުރާމަ ވެސް ދިގުލައިގެން ގޮސްފައިވަނިކޮށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް އިތުރު އަސްކަރީ ފްރަންޓެއް ހުޅުވަން އިސްރާއީލުގެ ސިޔާސީ ވެރިން ބޭނުންވާތީ ސިފައިން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މިއާއެކު އިސްރާއީލު ސިފައިންގެ އެތަށް ސަތޭކަ ބަޔަކު ވަނީ އިސްތިއުފާދޭން ތައްޔާރުވެފައެވެ.
ޣައްޒާގައި ކުރާ ހަނގުރާމައިގެ މައިގަނޑު އަމާޒަކީ ޣައްޒާގެ އާންމުން ގިނަ އަދަދަކަށް މެރުމާއި އެމީހުން ގެ ގެދޮރު ސުންނާފަތިކުރުންކަމަށް ވިޔަސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތް ބަލިކޮށްލުމުގައާ އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި އިސްރާއީލު ސިފައިން ވަނީ ނާކާމިޔާބުވެފައެވެ.
އަދި، އިސްރާއީލު ސިފައިން ކުރާ މަސައްކަތްތަކުން އެމީހުންނަށް ބުރަބޮޑުވެ އެމީހުންވަނީ ވަރުބަލިވެފައި ކަމަށް "ޔަދިއޮތު އަހުރަނޮތު" ބުނެއެވެ.
މިދިޔަ ހަފުތާގައި ވެސް އިސްރާއީލު ސިފައިންގެ ގިނަ ޢަދަދެއްގެ އިސް އޮފިސަރުންތަކެއް ވަނީ އިސްތިއުފާ ދީފިއެވެ. އިސްތިއުފާ ދިން އޮފިސަރުންގެ ތެރޭގައި އިސްރާއީލުގެ އެއްގަމު ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ތަމީރު ޔަދާއި ހިމެނެއެވެ.
އޭނާ އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ނަމަވެސް އޭނާގެ އިސްތިއުފާއާ ގުޅިފައިވަނީ އިސްރާއީލުގެ ސިފައިންނާއި ސިޔާސީ ފަރާތްތަކާ ދެމެދުގައިވާ ދެބަސްވުންތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އެޕްރިލްމަހު އިސްރާއީލު ސިފައިންގެ އަސްކަރީ ޖާސޫސީކަންކަމާބެހޭ އިސްވެރިޔާ އަހާރޫން ހަލޭވީ ވެސްވަނީ އިސްތިއުފާ ދީފައެވެ. އަދި އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓުގެ ރީސާޗް ޑިވިޝަނުގެ އިސް ވެރިއެއްކަމަށްވާ އަމިތު ސާރު އާއި އިސްރާއީލު ސިފައިންގެ 30 މީހަކުވަނީ ޣައްޒާގައި ހަނގުރާމަ ކުރަން ދެކޮޅު ހެދުމުގެ ސަބަބުން މިދިޔަ މަހު ހައްޔަރު ކޮށްފައެވެ. އިސްރާއީލު ސިފައިންގެ ޔުނިޓެއްކަމަށްވާ 8200ގެ ކޮމާންޑަރު ޔުސީ ޝަރިޔާލް ވެސް ވަނީ ވަރަށް އަވަހަށް އިސްތިއުފާ ދޭނެކަން އިއުލާނުކޮށްފައެވެ.
"އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި ސިފައިން މަގާމުން ވަކިވަމުންމިދަނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ގަދަބާރުން މިނިވަން ކުރުމަށް އިސްރާއީލު ސިފައިން ނުކުޅެދުމާއެކު އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ދެކޮޅު ހަދަމުން ގެންދާތީ އެކަމާހިތްހަމަ ނުޖެހިގެންކަމަށް" ޔަދިއޮތު އަހުރަނޮތު ބުނެއެވެ.
އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ދިޔުމަށް ނަތަންޔަހޫއަށް ގޮވާލައި އިސްރާއީލުގައި ރޭ ކުރި މުޒާހަރާތަކުގައި ގާތްގަނޑަކަށް އަށްލައްކަ މީހުން ބައިވެރިވެފައިވެއެވެ. މި މުޒާހަރާތަކުގެ ތެރެއިން ޓެލްއަވީވުގައި ކުރި މުޒާހަރާތަކުގައި އެކަނިވެސް ފަސް ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށާއި މިއީ އިސްރާއީލުގެ މުޅި ތާރީޚުގައި ވެސް ކުރި އެންމެ ބޮޑު މުޒާހަރާކަމަށް މުރާސިލުން ބުނެއެވެ.
އިސްރާއީލުގެ އާންމުންގެ ގިނަ ބަޔަކު ދެކޭގޮތުގައި އަސީރުން މިނިވަން ކުރުމުގައި އިސްރާއީލު ސިފައިން ނުކުޅެދުމަކީ އަދި އަސީރުންގެ މަރުވެފައިވާ ހަށިތައް ޣައްޒާގެ އެތަންމިތަނުން ފެނުމަކީ އިސްރާއީލުގެ އާންމުންހިމާޔަތް ކުރުމުގައި އެގައުމުގެ ސަރުކާރާއި ސިފައިން ނާކާމިޔާބު ވުމެވެ.
އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ބުނެފައިވާގޮތުގައި އިސްރާއީލަށް ހުޅަނގުގެ އެހީއާއި ހިމާޔަތް ހުއްޓުމެއްނެތި ލިބެމުންދިޔަ ނަމަވެސް އިސްރާއީލު އުފެދުނުފަހުން އިސްރާއީލު ގެ އާންމުންނަށް ފުރަތަމަ ފަހަރަށްވަނީ އިސްރާއީލަކީ މުސްތަގްބަލެއްނެތް ގައުމެއްކަމާއި ކައިރި މުސްތަގްބަލެއްގައި އިސްރާއީލު ރޫޅިގެން ހިނގައިދާނެކަމުގެ ބިރު އިހުސާސް ކުރެވެން ފަށާފައެވެ.
އިސްރާއީލަކީ ދެވަނަ ބޮޑު ހަނގުރާމައާއެކު އުފެދުނު ސިޔާސީ ޚާއްސަ ހާލަތަކާ ގުޅިގެން ފަލަސްތީނުގެ ބިމުގައި ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން އުފެއްދި އިސްތިއުމާރީ އެންޓިޓީއެކެވެ. އިސްރާއީލަކީ ތަބީއީ ދައުލަތެއް ނޫނެވެ. އެއީ ހުޅަނގުގެ އިސްތިއުމާރީ މަޝްރޫއެކެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ދުނިޔޭގެ ނިޒާމު މިހާރު ރޫޅެމުންދާއިރު މިނިޒާމާއެކު އިސްރާއީލު ވެސް ރޫޅިގެންދާކަމަށް ވަރަށް ގިނަ މުފައްކިރުން ވިދާޅުވެއެވެ.
އަދި އިސްރާއީލުގައި ވެސް މިކަން ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. މިއާއެކު އިސްރާއީލުގެ އެތަށް ލައްކަ ބަޔަކުވަނީ އެގައުމު ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދާން ފަށާފައެވެ.