ދެހާސް ދިހަ ވަނަ އަހަރު މާޒިޔާ ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ހިނގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރާލި މައްސަލައިގެ ތުހުމަތުގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހައްޔަރުކޮށްފައި ވަނިކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ހަ މަސް ވަންދެން ޝަހުމްގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެމުން ގޮސް އޭގެ ފަހުން ޝަހުމް ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މަރުވި މުހައްމަދު ހުސެއިންގެ މެޑިކޯ ލީގޯ ރިޕޯޓު ނުލިބިގެން ނެވެ. އަދި އެ ކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލު ކޯޓަށް ހާޒިރުވުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނަނީ އާމިނަތު ޖަމީލަކީ އެ މައްސަލައާއި ގުޅުން ހުރި ފަރާތެއް ނޫން ކަމަށާއި އެހެންކަމުން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ވާގޮތުން ތުހުމަތު ކުރެވޭ މީހާ ފިލާފާނެކަމަށް ފެންނަ ނަމައާއި ހެކިފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ފެންނަ ނަމަ އަދި އެމީހެއްްގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެނިއްޖެނަމަ އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވޭނެ ކަމަށެވެ.

އެ އަމުރުގައި ބުނަނީ އޭރު ޝަހުމް ހައްޔަރުކުރީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތޫނު ހަތިޔާރާއި ލަކުޑިބުރި ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ އަމާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މުހައްމަދު ހުސެއިން މަރުވެފައިވާކަމަށާއި ފުލުހުން ޝަހުމް ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ކަމަށް ދައުލަތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

އެހެންކަމުން ޝަހުމް ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނު އަސާސީއާއި ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ގަވާއިދަށް ރިއާޔަތް ނުކޮށް ކަމަށް ވާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އޭރު ކްރިމަިނަލް ކޯޓުން ޝަހުމް ދޫކޮށްލުމުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރުގެ މަރާލިކަމުގެ ތުހުމަތުގަ އެވެ. އޭގެ ފަހުން އަދިވެސް އޭނާ ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.