އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ބެލަރޫސްގެ އަރީނާ ސަބަލެންކާ ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ދެވަނައަށް ސީޑު ކުރެވިފައިވާ ސަބަލެންކާ ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ނަމަވެސް މި މެޗު ސީދާ ދެ ސެޓުން ގެންދިޔަ ނަމަވެސް މި ދެ ސެޓު ވެގެންދިޔައީ އެހާ ފަސޭހަ ދެ ސެޓަކަށް ނޫނެވެ.

އެމެރިކާގައި އެމެރިކާގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުމުގެ އުނދަގޫކަން ސަބަލެންކާއަށް ވަނީ މިދިޔަ އަހަރުވެސް އިހުސާސް ކުރަން ޖެހިފައެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލްގައި ކޯކޯ ގައުފްއާ ވާދަކޮށް ފައިނަލްގައި ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ފެންކަޅިވެފައިވާ ސަބަލެންކާ ވަނީ ސްޓޭޑިއަމްގެ ތެރޭގައި އޭނާ އާ ދެކޮޅަށް އޮތް ސަޕޯޓުގެ އަޑުގަދަވުމުގެ ސަބަބުން ކުޅުމަށް ވަރަށް އަސަރުކުރި ކަމަށް ބުނެފައެވެ.

ރޭގެ މެޗުގައިވެސް ކަން ވެގެންދިޔައީ ދާދި އެއްގޮތަކަކަށެވެ. މިގޮތުން ޕެގޫލާއަށް އޮތް ސަޕޯޓުން މުޅި ކޯޓުއޮތީ ފުރާލާފައެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ފަހެއް ހަތަރަކުން ކުރި ހޯދާ އޭނާ ސެޓަށް ސާވް ކުރަމުންދަނިކޮށް އޭނާއަށް އެކަން ނުކުރެވި ޕެގޫލާ ފަހެއް ފަހަކުން އަރާ ހަމަކުރިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްވެސް ސަބަލެންކާއަށް ގެއްލިގެންދިޔައީ ފުރަަތަމަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ގައުފް ޖެހިގެން އައި ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ. މި ފަހަރުގެ ދެވަނަ ސެޓުގައި ޕެގޫލާއިން ތިނެއް ފަހަކުން ލީޑު ނެގުމާއެކު މި ސެޓު އޭނާއަށް ގެންލިދާނެކަމަށް ހީވިނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށް ސަބަލެންކާ ވަނީ ޖެހިގެން އައި ހަތަރު ގޭމް ކާމިޔާބު ކޮށް ހަތެއް ފަހަކުން ދެވަނަ ސެޓުވެސް ކާމިޔާބުކޮށް ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދާފައެވެ.

މެޗަށްފަހު ފަހު ވާހަކަ ދައްކަމުން ސަބަލެންކާ ވަނީ މިހާރު މިހިރީ ބަސް ހުސްވެފައިކަމަށް ބުނެފައެވެ. އަދި ޔޫއެސް އޯޕަންގެ ތަށި ކާމިޔާބު ކުރުމަކީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށްވެސް އޭނާ ބުންޏެވެ.

މި ކާމިޔާބީއާއެކު ސަބަލެންކާ މި ވަނީ މި ސީޒަންގެ ގްރޭން ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ މި މުބާރާތުގެ އިތުރުން އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންއެވެ. އަދި މިއާއެކު އޭނާ ވެފައިވަނީ 2016 ވަނަ އަހަރު އެންޖެލިކާ ކާބާއަށް ފަހު އަހަރުގެ ހާޑް ކޯޓް ދެ ސްލޭމް މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މި ނާކާމިޔާބީއާއެކު ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަށް ޕެގޫލާ ކުރާ އިންތިޒާރު އަނެއްކާވެސް ދިގުވެގެން ދިޔަ ނަމަވެސް މިފަހަރުގެ މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ވަގުތު އެންމެ ފޯމުގައި ކުޅެމުންދާ ދެކުޅުންތެރިންނަކީ ޕެގޫލާ އާއި ސަބަލެންކާ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެއް ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒްއެވެ.