ޓޫރިޒަމްގެ ހަތަރުވަނަ މާސްޓާ ޕްލޭނުގެ މަސައްކަތް އަންނަ އޮކުޓޫބަރު މަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޓޫރިޒަމްގެ ތިންވަނަ މާސްޓާ ޕްލޭނުގެ މުއްދަތު 2011 ވަނައަހަރު ހަމަވެފައިވާ ކަމަށާއި އާސަރުކާރު ހަވާލުވިއިރު ހަތަރުވަނަ މާސްޓާ ޕްލޭނުގެ މަސައްކަތް ނުނިމި އޮތްނަމަވެސް އާ މާސްޓަ ޕްލޭން އަންނަ އޮކްޓޫބަރުމަހަށް ނިމްމާލެވޭނެ ކަމަށެވެ.

"ދެހާސް އެގާރަ ވަނައަހަރު މިވަނީ ތިންވަނަ މާސްޓަރ ޕްލޭނު މުއްދަތު ހަމަވެފައި. ހަތަރުވަނަ މާސްޓާ ޕްލޭނާއި އަޅުގަނޑުމެން ހަވާލުވިއިރު ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރެވިފައި ހުރީ. ނަމަވެސް އޭގެ ކޮޅެއް މެދެއް ނުފެނި އޮތީ އަޅުގަނޑުމެންގެ ޓީމުގެ ވަރަށް ބުރަ މަސައްކަތުން އޮކްޓޫބަރާއި ހަމައަށް ނިންމާލެވޭނެ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާސްޓާ ޕުލޭނަށް ބޭނުންވާ މައުލުމާތު ރަށު ކައުން ސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރަށް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި މާސްޓާޕްލޭން ތައްޔާރުކުރުމުގައި ޔޫއެންޑަބުލިޔުޓީއޯ އާއި އޭޑީބީއާއި ޔޫއެންޑީޕީގެ ފަންނީ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭވިއޭޝަނާއި ޓޫރިޒަމް ވަކިކުރެވޭނެ ކަމަށާއި އޭވިއޭޝަނުގެ މާސްޓާ ޕްލޭނެއް ތައްޔާރުވާއިރު އެކަމާ ގުޅޭ މައުލުމާތުތައް ވެސް ހަތަރު ވަނަ މާސްޓާ ޕްލޭނުގައި ހިމެނޭކަމަށެވެ.