08 Sep 2024, 12:36
އޯޕަން އޭއައިގެ އައު މޮޑެލް ޖީޕީޓީ-ނެކްސްޓް، ނެރެން ތައްޔާރުވެއްޖެކަމަށާއި، ޖީޕީޓީ-4 އަށްވުރެ އައު މޮޑެލް 100 ގުނަ ރަނގަޅުވާނެކަމަށް އެކުންފުނިން ބުނެފިއެވެ.
ޖަޕާނުގެ އޯޕަން އޭއައި ގެ ސީއީއޯ ޓަދާއޯ ނަގަސަކީ ވިދާޅުވެފައިވަނީ އެ ކުންފުނީގެ އައު އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް "ޖީޕީޓީ-ނެކްސްޓް" ނެރެން ކައިރިވެފައިވާ ކަމަށެވެ. މި އައު މޮޑެލް މިހާރު ބޭނުންކުރެވޭ ޖީޕީޓީ-4 އަށްވުރެ 100 ގުނަ ރަނގަޅު ކަމަށް ނަގަސަކީ ބުނެފައިވެއެވެ.
ކޭޑީޑީއައި ސަމިޓް 2024 ގައި ވާހަކަދައްކަވަމުން ނަގަސަކީ ވިދާޅުވީ، މި އައު މޮޑެލްގައި އޯޕަން އޭއައި ގެ ސިއްރު މަޝްރޫޢު ކަމަށްވާ "ޕްރޮޖެކްޓް ސްޓްރޯބެރީ" ގެ ކުޑަ ވާޝަނެއް ބޭނުންކުރާނެ ކަމަށެވެ.
މީގެ އިތުރުން ޖީޕީޓީ-ނެކްސްޓްގެ ފެންވަރު މަތިވެފައިވަނީ މޮޑެލްގެ އާކިޓެކްޗަރ އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޯޕަން އޭއައި ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ މީރާ މުރާތީ ވިދާޅުވެފައިވަނީ އައު މޮޑެލްގައި ބައެއް ކަންކަމުގައި އިންސާނުންނަށްވުރެ ވިސްނުންތޫނު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖީޕީޓީ-3 ގައި ކުޑަކުއްޖެއްގެ ވިސްނުން ހުރި ނަމަ، ޖީޕީޓީ-4 ގައި ހުރީ ހައި ސްކޫލް ކުއްޖެއްގެ ވިސްނުމެވެ. އަދި އަންނަން އޮތް މޮޑެލްގައި ހުންނާނީ ވަކި ވަކި ދާއިރާތަކުގައި ޕީއެޗްޑީ ފެންވަރުގެ ވިސްނުމެވެ.
ނަގަސަކީ އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު 200 މިލިއަނަށް އަރާފައިވެއެވެ. މިއީ މިހާ އަވަހަށް މިހާ ގިނަ ބަޔަކު ބޭނުންކުރަން ފެށި ފުރަތަމަ ސޮފްޓްވެއަރ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.