ޑިފެންސް މިނިސްޓްރީން 1980 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް މުވައްޒިފުންނަށް ދޫކޮށްފައިވާ ލޯނުތަކަށް ބަރާބަރަށް ފައިސާ ދައްކަން އެންގުމުންވެސް އެގޮތައް އަމަލު ނުކުރާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް މިނިސްޓްރީން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ދޫކޮށްފައި ހުރި ގިނަ ލޯނުތަކަކަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާ މައްސަލަ ފެންމަތިވެފައިވަނީ އޮޑިޓާ ޖެނެރަލް އާންމުކުރެއްވި ޑިފެންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޑިފެންސްގެ އޮޑިޓް ރިޕޯޓްގެ ބަހުސަށް ހުޅުވާލުމުގެ ކުރިން ކޮމެޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމަށް އެ މިނިސްޓްރީން ދީފައިވާ ޖަވާބުތައް ކޮމެޓީއަށް އިއްވަވައިފަ އެވެ.

ޑިފެންސް މިނިސްޓްރީން ކޮމެޓީއަށް ފޮނުވި ސިޓީއަށް ހަވާލާދެއްވައި ނާޒިމް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވައިފައިވާ ލޯނުތަކުގެ މައްސަލައިގައި ފައިސާ ނުދައްކާ ތިބި ފަރާތްތަކަށް ބަރާބަރަށް ފައިސާ ދެއްކުމަށް އެ މިނިސްޓްރީން މިހާރު އެ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި އެގޮތައް އެންގުމުން ވެސް ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ލޯނުތަކުގެ މައްސަލައިގައި އެބޭފުޅުން ވިދާޅުވެފައި މިއޮތީ ފައިސާ ނުދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށް، އަދި ބައެއް ފަރާތްތަކުން ފައިސާ ދައްކަމުން ގެންދާކަމަށް ވެސް ވިދާޅުވެފައި ވަނީ، އަދި އެގޮތައް އެންގުމުންވެސް ފައިސާ ނުދައްކާ އަދި އަޅައިވެސް ނުލާ ތިއްބެވި ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ތައްޔާރުވަމުން ދާކަމަށް މިވަނީ ވިދާޅުވެފައި،" ނާޒިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން 1980 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާހަމައަށް ޑިފެންސް މިނިސްޓްރީން ވަނީ އެމްއެންޑީއެފްގެ 45 މުވައްޒިފަކަށާއި އަދި އާންމު ހަތަރު ފަރާތަކަށް ލޯނުދޫކޮށްފަ އެވެ. އެ ފަރާތްތަކުގެ ތެރެއިން 40 ފަރާތަކުން ލޯނު ނުދައްކާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އޭގެ ސަބަބުން 3.98 މިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށްވެސް ބުނެ އެވެ. އެ ލޯނުތައް ދޫކޮށްފައިވަނީ ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު އެވެ.

"މި ލޯނުތަކަކީ ހަމަހަމަ ފުރުސަތެއްގެ ދަށުން އިންސާފުވެރިކަމާއެކު ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް ނުބެލެވެ އެވެ،" އޮޑިޓާ ޖެނެރަލް ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދީފައިވަނީ ގަވާއިދުން ލޯނު ދައްކަމުން ނުދާ ފަރާތްތަކުގެ މައްސަލަ ފިޔަވަޅުއެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށެވެ.

ކޮމެޓީގައި ބައެއް މެންބަރުން މިއަދު ވިދާޅުވީ ލޯނު ދޫކުރުމަކީ މިނިސްޓްރީ ތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މިނިސްޓްރީގެ މެންޑޭޓްގައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ކަމަށްވެސް މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

"އެއްވެސް ފަރާތަކަށް މިނިސްޓްރީތަކުން ލޯނުދީ ހަދާކަށް ނުޖެހޭނެ، އެއީ ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ކުރާ ކަންކަން، އެކަން ކުރަންޖެހޭނީ އެގޮތަށް،" ބިލެއްދޫ ދާއިރާގެ މެންބަރު ހަމްޒާ ވިދާޅުވި އެވެ.

ކޮމެޓީ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮޑިޓް ރިޕޯޓުގެ މައްޗަށް ބަހުސް ކުރައްވައިފަ އެވެ. އެ ރިޕޯޓުތަކުގައި ބޮޑަތި މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވައިފައެއް ނެތެވެ.