ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ ދިވެއްސަކު މި އަހަރު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިއްޔެ ބޭއްވި ޖަލްސާއެއްގައި ރިޔާޒް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން މިއަހަރު ބަލާ ފާސްކުރި 112 ތަންތަނުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އިރު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝައްކުވާ އެކިއެކި މީހުން 6311 ފަހަރު ފާސްކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދިޔަ ދެ ދިވެއްސަކު މިއަހަރު ތެރޭ ހައްޔަރުކުރި ކަމަށް ކޮމިޝަނާ ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ކުރިން ފުލުހުން ދެފަރާތެއްގެ ނަން މިއަހަރު އާންމު ކުރި އެވެ. އެއީ ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހއ. ދިއްދޫ އަލިމަސްވިލާ އަދުނާން މޫސާ 55، އާއި ކުދި ބްލެޓްގެ ވިޔަފާރި ފުޅާކޮށް ކުރާ ކަމަށް ތުހުމަތުވި ރ. އިންނަމާދޫ ފެމޯރާގޭ، މުހައްމަދު ސަލީމް 53، އެވެ. މީގެ ތެރެއިން ސަލީމްގެ މައްސަލަ މިހާރު ވަނީ ޕީޖީއަށް ވެސް ފޮނުވާފަ އެވެ.

ކޮމިޝަނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެގެންދާއިރު އެކަންކަން ހުއްޓުވަން ފުލުހުންގެ އިންޓެލިޖެންސްގެ އެހީގައި ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކުރަންފަށާފައިވާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އިސްކޮށްތިބި ފަރާތްތައް ހިފާ ހައްޔަރުކޮށް ޤާނޫނުން ލިބޭ އެންމެ ބޮޑު އަދަބު ދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތްކޮށް އާންމުނަނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން ފުލުހުން މަސައްކަތް ކުރަނީ ޕްރޮފެޝަނަލް ކޮށް ކަމަށެވެ.

ރާއްޖެއިން މަސްތުވާތަކެތި ނައްތާލެވޭނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރެވިގެން ކަމަށާއި ތަމްރީނު ކޮށްފައިތިބި ސްނިފާ ޑޯގް ބޭނުންކޮށްގެން އެކަމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ އަދި އެކަމުގެ ތެރެއަށް ވަންނަ ކުދިންގެ ނިސްބަތް ދަށްވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވާ ޖަމިއްޔާ، ޖާނީން ވަނީ ބުނެފަ އެވެ.