27 Jun 2012, 10:51
މިހާރުގެ ސަރުކާރުގައި ތިބި މީހުން ޝަރީއަތަށް ހާޒިރުކޮށް އެމްޑީޕީ އަލުން ވެރިކަމަށް އަންނާނެ ކަމަށް ބުނަމުން އެމްޑީޕީގެ ހަތް ވަނަ އަހަރީ އެއްވުން އުސް ފަސްގަނޑުގައި ބާއްވައިފި އެވެ.
ގިނަ ބަޔަކު އެއްވި އެއްވުން ރޭ ފެށީ ސަރުކާރަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަ ފުޅުންނެވެ. އޭނާގެ ވާހަކަގައިވާ ހިިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮަޑަށް ތައުރީފު ކުރެއްވިއެވެ.
އެޗްއާރްސީއެމް އޮތީ ސިފައިންނާ ފުލުހުން ކުރާ އަނިޔާތަކަށް ލޯ ކަނުވެފައި ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުކޮށް ވެރިކަން ކުރެއްވި ރައީސް ނަޝީދުގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް އެކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ.
އެމްޑީޕީ އުފެދުނު ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސިޔާސީ ޕާޓީ ހަދަން ފުރަތަމަ އުޅުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މައްްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދި ކަމަށާއި ސިޔާސީ ޕާޓީ ހަދަން ފެންނަ ކަމަށް ވޯޓް ދެއްވީ މަޖިލީހުގެ އެންމެ ހަތަރު މެމްބަރުން ކަމަށެވެ.
އެމްޑީޕީ އުފެދުނު ގޮތް ތަފުސީލުކޮށް ދެއްވުމަށްފަހު އިބޫ ވިދާޅުވީ އެމްޑީޕީއަށް ހަތް އަހަރު ފުރުނު އިރު އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެނައުން ކަމަށެވެ.
"އަޅުގަނޑުމެން މިރޭ މި އަހަރީ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭން ނައްތާލުން" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި އެ ޕާޓީގެ ޗެއާ ޕާސަން ރީކޯމޫސާ މަނިކު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީ ވެސް އެޕާޓީގެ މެމްބަރުންނަށް ތަކުރާރުކޮށް ވައުދު ވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތް ތަހުގީގުކޮށް، މިހާރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ޝަރީއަތަށް ގެންދިއުމަށެވެ. އަދި އެމްޑީޕީ އަލުން އަނބުރާ ވެރިކަމަށް އަންނާނެ ކަމަށް އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވިއެވެ.
އެއްވުމުގައި ދުއާ ކުރުމާއި އަހަރީ ކޭކް ފެޅުން ވެސް އޮތެވެ.