27 Jun 2012, 09:37
ދިމިޝްޤު (ޖޫން 27): ސޫރިޔާގައި ހިނގަމުންދަނީ ހަގީގީ ހަނގުރާމައެއް ކަމަށާއި މިހަނގުރާމައިގެ ކާމިޔާބު ހޯދަންޖެހޭ ކަމަށް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދް ވިދާޅުވެއްޖެވެ.
ސޫރިޔާގައި އަލަށް އެކުލަވާލި ސަރުކާރުގެ ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޫރިޔާގައި ހިނގަމުން ދަނީ ހަގީގީ ހަނގުރާމައެއް ކަމަށް ބައްޝާރު ވިދާޅުވި ނަމަވެސް މިހަނގުރާމައިގެ އަނެއް ކޮޅުގައިތިބީ ކޮންބައެއްކަން ހާމަކުރައްވާފައެއްނުވެ އެވެ. ބައްޝާރުގެ ވާހަކާގައި ސޫރިޔާގެ އައު ސަރުކާރުގެ އެންމެ އިސްކަމަކަށްވާން ޖެހެނީ ހަނގުރާމައިގާ ކާމިޔާބު ހޯދުންކަމަށް ވިދާޅުވި އެވެ.
ބައްޝާރުގެ ވާހަކާގައި އޭނާ މަޤާމުން ދުރުވެވަޑައިގަތުމަށް ހުޅަނގުން ގޮވާލާގޮވާލުންތަކަށް ރައްދުދެއްވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ހުޅަނގުގެ ޤައުމުތަކަކީ ޒާތީ މަސްލަޙަތަށް މަސައްކަތްކުރާ އަދި ޙާލަތުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ޤައުމުތަކެއް ކަމަށް ސިފަކުރެއްވި އެވެ. ސޫރިޔާގައި ހިނގަމުންދާ މައްސަލަތަކުގެ އަސްލަކީ އެޤައުމުގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާދެކޮޅަށް ތެދުވެ އުތުރިއަރާން ފެށުމުން ބައްޝާރުގެ ނިޒާމުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ހިންގަމުން ގެންދިޔުމުގެ ސަބަބުން ކުރިމަތިވެގެންއުޅޭ މައްސަލަތަކެއް ކަމަށް އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ދެކެއެވެ. ބައްޝާރުގެ ވާހަކާގައި އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވެ އުތުރިއަރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާފައެއްނުވެ އެވެ.
ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި ބައްޝާރުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ 10 ވަރަކަށް ހާސްމީހުން މަރުވެފައިވާ އިރު ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އަދި ހުޅަނގުގެ ތާއީދު ލިބިފައިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ވެސް އާންމުންނާއި ސޫރިޔާގެ ސިފައިންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް އދ. ން ބުނެ އެވެ. މިގޮތުން ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބަދަލުކުރެވެމުންދާ ޙަމަލާތަކުގައި 15 ވަރަކަށް ހާސްމީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.
ސޫރިޔާގެ އައުސަރުކާރުގެ ކެބިނެޓް ބައްދަލުވުމުގައި ބައްޝާރު ދެއްކެވި ވާހަކާގައި އޭނާ ހުންނެވީ އޭނާގެ ވެރިކަމުގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށާއި އެމީހުންގެ ފަހަތުގައިވާ ހުޅަނގުގެ ޤައުމުތަކަށް ދޫދެއްވާ ގޮތަށް ނޫންކަމަށާއި އަދި ސޫރިޔާގެ ރައްޔިތުންގެ އެދުންތަކަށް ވެސް އިޖާބަދެއްވާ ގޮތަށް ނޫންކަން ހާމަވާކަމަށް މުރާސިލުން ބުނެ އެވެ.
އެމެރިކާ ގެންދަނީ ސޫރިޔާގެ ވައިގެ ސަރަޙައްދަށްވަން ތުރުކީގެ ޢަސްކަރީ މަތިންދާބޯޓު ސޫރިޔާ އިން ވައްޓާލި މައްސަލަ ހޫނުކޮށް ސޫރިޔާއާދެކޮޅަށް ބާރުގެ ބޭނުންކުރުމަށް ތުރުކީއަށް ހިއްވަރުދެމުންނެވެ. އެމެރިކާގައި އުފައްދާފައިވާ ތުރުކީގެ ޢަސްކަރީ މަތިންދާބޯޓު ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަނީ ތުރުކީ އާއި އެމެރިކާގެ ރޭވުމެއްގެ ދަށުން ކަމަށާއި މިކަމުގެ ބޭނުމަކީ ސޫރިޔާގެ ވައިގެ ދިފާޢީ ބާރުތަކުގެ ޤާބިލްކަމުގެ އަޖުމަ ބަލާލުން ކަމަށް ބައެއްރިޕޯޓްތައް ބުނެ އެވެ.
ސޫރިޔާއިން ތުރުކީގެ ޢަސްކަރީ މަތިންދާބޯޓު ވައްޓާލީ ރަޝިޔާގެ ރުހުން ލިބިގެން ކަމަށާއި ރަޝިޔާ އިން އެމެރިކާ އަށް ދައްކާލަން ބޭނުންވީ ރަޝިޔާގައި އުފައްދާ ޒަމާނީ ހަތިޔާރުތަކުގެ ޤާބިލްކަން ހުރިމިންވަރުކަން ކަމަށް ވެސް މިރިޕޯޓްތައް ބުނެ އެވެ. ތުރުކީގެ ބޯޓުގެ މައްސަލަ ހޫނުކުރަން އެމެރިކާފަހަތުގައި އޮވެގެން މަސައްކަތްކުރި ނަމަވެސް މިކަން ސަބަބަކަށް ހަދައިގެން ސޫރިޔާއަށް ޢަސްކަރީ ގޮތުން ވަދެގަންނަން އެމެރިކާ އާއި ޔޫރަޕަށް ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
މިގޮތުން ރަޝިޔާ އާއި އީރާނުގެ ފުރިހަމަ ތާއީދު ސޫރިޔާ ސަރުކާރަށް އޮތް ޙާލަތުގައި ހުޅަނގުގެ ބާރުތައް ސޫރިޔާއަށް ވަދެގެންފި ނަމަ އިސްރާއީލު ވެސް ހިމެނޭގޮތަށް ސޫރިޔާގެ މައްސަލަ ސަރަޙައްދީ ބޮޑުހަނގުރާމައަކަށް ބަދަލުވެގެންދިޔުމުގެ ފުރްސަތު ބޮޑުކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިފަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ ސޫރިޔާގެ ދާޚިލީ މައްސަލާގައި ބައްޝާރު މިހާރު ތާށިވެފައިވާ ތާށިވުމުން އޭނާގެ ނިޒާމް ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް މިފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)