27 Jun 2012, 09:28
ނިއުދިއްލީ (ޖޫން 27): މަތިންދާބޯޓުތަކުން ނުކުންނަ ދުމުގައި ހިމެނޭ ކާބަން އަށް ޓެކްސް ނެގުމުގައި ޔޫރަޕްގެ އިއްތިޙާދާއި އިންޑިޔާއާ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން އިންޑިޔާ އިން، ޔޫރަޕްގެ އިއްތިޙާދަށް އިންޒާރެއް ދީފި އެވެ.
މަތިންދާބޯޓުތަކުން ނުކުންނަ ދުމުގައި ހިމެނޭ ކާބަން އަށް ޓެކްސް ނެގުމަށް ޔޫރަޕުން އެދުނު އެދުމަށް އިންޑިޔާގެ އެއަލައިންތަކުން ދެކޮޅު ހެދުމުން އިންޑިޔާގެ މަތިންދާބޯޓުތައް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ދަތުރުކުރުމުގައި ޖޫރިމަނާގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ ޔޫރަޕުން ކޮށްފައިވާ އިންޒާރަށް ރައްދުދެއްވަމުން ނަން ހާމަކުރަން ނޭދޭ އިންޑިޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ މަތިންދާބޯޓުތަކުން ނުކުންނަ ކާބަން އަށް ޓެކްސް ނެގުމަށް ޔޫރަޕުން ގެންގުޅޭ ނިޒާމުގައި އިންޑިޔާ ބައިވެރިނުވާނެ ކަމުގަ އެވެ.
މިކަމާ ގުޅިގެން އިންޑިޔާގެ މަތިންދާބޯޓުތައް ޔޫރަޕްގެ އެއަޕޯޓްތަކުގައި ޖެއްސުން މަނާކޮށްފި ނަމަ ޔޫރަޕްގެ އިއްތިޙާދުގެ އެއްވެސް ޤައުމެއްގެ މަތިންދާބޯޓަކަށް އިންޑިޔާގެ އެއަޕޯޓެއްގައި ނުޖެއްސޭނެ ކަމަށާއި އަދި އިންޑިޔާގެ ވައިގެ ސަރަޙައްދަށް ވެސް ނުވަދެވޭނެ ކަމަށް ނަން ހާމަކުރަން ނޭދޭ އިންޑިޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
މަތިންދާބޯޓުތަކުން ނުކުންނަ ކާބަން އަށް ޓެކްސް ނެގުމަށް ޔޫރަޕުން ގެންގުޅޭ ނިޒާމުގައި ބައިވެރިވުމަށް ޔޫރަޕްގެ އިއްތިޙާދުން ވަނީ މި މަހުގެ 15 އިން ފެށިގެން އިންޑިޔާ އަށާއި ޗައިނާ އަށް އެއް މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ. މިމުއްދަތުގެ ތެރޭގައި ޓެކްސްގެ މިނިޒާމުގައި މިދެޤައުމުން ބައިވެރިނުވެއްޖެ ނަމަ ޔޫރަޕްގެ އެއަޕޯޓްތަކަށް ޖައްސާ އަދި އެެއަރޕޯޓްތަކުން ފުރާ މި ދެ ޤައުމުގެ މަތިންދާބޯޓުތައް ޖޫރިމަނާ ކުރުމަށް ޔޫރަޕްގެ އިންތިޙާދުން ވަނީ ނިންމާފަ އެވެ.
މަތިންދާބޯޓުތަކުން ނުކުންނަ ކާބަން އަށް ޓެކްސް ނެގުމުގެ ނިޒާމުގައި ޔޫރަޕްގެ ހުރިހާ އެއަލައިންތަކާއި ޔޫރަޕްގައި ނުހިމެނޭ ބައެއް ޤައުމުތަކުގެ އެއަރލައިންތައް ވެސް ބައިވެރިވެފައިވާ ކަމަށާއި މިޓެކްސްގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ޔޫރަޕިޔަން ކޮމިޝަން ފޯ ކްލައިމެޓް ޗޭންޖްގެ ކޮމިޝަނަރު ކޯނީ ހައިޑްގާޑް ވިދާޅުވި އެވެ.
މަތިންދާބޯޓުތަކުން ނުކުންނަ ދުމުގައި ހިމެނޭ ކާބަން އަށް ޓެކްސް ނެގުމަށް ދެކޮޅުހަދާ އެއަލައިންތަކުގެ މަތިންދާބޯޓުތައް ޖޫރިމަނާކުރުމަށް ޔޫރަޕުން ނިންމާފައިވީ ނަމަވެސް މިކަން ތަންފީޒުކުރާނީ 2013 އިން ފެށިގެން ކަމަށް ހައިޑްގާޑް ވިދާޅުވި އެވެ.
ޔޫރަޕުން ކުރިމަތިކުރާ މިޓެކްސް ނިޒާމާ ދެކޮޅު ހަދަމުން އިންޑިޔާ ބުނަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނަމުގައި އޮޅުވާލުމެއްގެ ތެރެއިން ޔޫރަޕުން ނެގުމަށް މަސައްކަތްކުރާ ޓެކްސްއެއް ކަމަށާއި މި ޓެކްސްގެ ފަހަތުގައި ވަނީ ޔޫރަޕަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ޙައްލުކުރުން ކަމުގަ އެވެ.
ޔޫރަޕުން އެކަށައަޅާ މި ޓެކްސްގެ ސަބަބުން މަތިންދާބޯޓުގެ ޓިކެޓްގެ އަގު 5 ޑޮލަރާއި 30 ޑޮލަރާ ދެމެދުގެ މިންވަރަކަށް ބޮޑުވެގެންދާނެ ކަމަށް އެއަރލައިންތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)